ނިދީން ހޭލެވިމާއިއެކު ފުރަތަމަ ކަމަކަށް ދިހަ އާޔަތް ކިޔެވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
ނިދީން ހޭލެވިމާއިއެކު ފުރަތަމަ ކަމަކަށް ދިހަ އާޔަތް ކިޔެވުން-

ކުރައިބު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އިބްނު ޢައްބާސް رضي الله عنه އެކަލޭގެފާނަށް ޚަބަރުދެއްވިއެވެ. 

»أَنَّهُ بَاتَ عِنْدَ مَيْمُونَةَ وَهِيَ خَالَتُهُ : فَاضْطَجَعْتُ فِي عَرْضِ وِسَادَةٍ، وَاضْطَجَعَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَهْلُهُ فِي طُولِهَا، فَنَامَ حَتَّى انْتَصَفَ اللَّيْلُ – أَوْ قَرِيبًا مِنْهُ – فَاسْتَيْقَظَ يَمْسَحُ النَّوْمَ عَنْ وَجْهِهِ، ثُمَّ قَرَأَ عَشْرَ آيَاتٍ مِنْ آلِ عِمْرَانَ، ثُمَّ قَامَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى شَنٍّ مُعَلَّقَةٍ، فَتَوَضَّأَ، فَأَحْسَنَ الوُضُوءَ، ثُمَّ قَامَ يُصَلِّي« [رواه البخاري (992)، ومسلم (763)]

މާނައީ: "އެކަލޭގެފާނު މައިމޫނާގެފާނުގެ އަރިހުގައި އެއްރޭ މަޑުކުރެއްވިއެވެ. އެއީ އެކަލޭގެފާނުގެ (އެބަހީ: އިބްނު ޢައްބާސްގެ) ބޮޑުދައިތައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) "ތިމަންކަލޭގެފާނު ބާލީހުގެ ހުރަހަށް ވާގޮށް އޮތީމެވެ. އަދި ﷲ ގެ ރާސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަނބިކަބަލުން ބާލީހުގެ ދިގަށްވާގޮތަށް އޮންނެވިއެވެ. ރޭގަނޑުގެ ދެބައިވަންދެން ނުވަތަ ރޭގަނޑުގެ ދެބަޔާއި ގާތްވަންދެން އެކަލޭގެފާނު އަވަހަރަފުޅުލެއްޕެވިއެވެ. އެއަށްފަހު އެކަލޭގެފާނު ނިދިން ތެދުވެވަޑައިގެން ނިދިފިލުވާލުމަށްޓަކައި މޫނު ފޮހެލެއްވިއެވެ. ދެން އެއަށްފަހުގައި އާލް-ޢިމްރާން ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔަވާ ވިދާޅުވިއެވެ. އެއަށްފަހު ތެދުވެވަޑައިގެން އެލުވާފައިވާ ފެން ކަންވާރުގެ ކައިރިއަށް ވަޑައިގަތެވެ. ދެން ފުރިހަމަ ވުޟޫއެއް ކުރެއްވިއެވެ. އެއަށްފަހު ތެދުވެވަޑައިގެން ނަމާދުކުރެއްވިއެވެ."  

މި ޙަދީޘްފުޅަށް ބަލާއިރު ނިދިން ހޭލެވުމުން އާލް-ޢިމްރާން ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔެވުން އޮތީ ދަމުނަމާދަށް ފެށުމުގެކުރިންނެވެ. އެހެނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަންކުރައްވަވާފައިއެވަނީ އެގޮތަށެވެ. ހިތުން ކިޔަވަން ނުއެނގޭނަމަ ވުޟޫކޮށް މުޞްޙަފް ބަލައިގެން ކިޔެވުމަކީ މައްސަލައެއް ނޫނެވެ. ހިތުން ކިޔަވަން އެނގޭނަމަ ވުޟޫކުރާކަށް ނުޖެހޭނެއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްބާކުރައްވާފައިވާ ލިޔުމެއް

 

މިއަދު އޮންލައިން