ﷲ އާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށްދޭ ދެ ކަންތައް: ޝައިޚް ޢަބްދުއްސަލާމް އަލް-ޝުވައިޢިރު

ކިޔުމަށް ހޭދަވާނީ 2މ 31ސ
ﷲ އާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށްދޭ ދެ ކަންތައް: ޝައިޚް ޢަބްދުއްސަލާމް އަލް-ޝުވައިޢިރު

ޢާއިޝަތު ރަފާޙް ޢަލީ  

އިބްނުލް މުޘްލާ އެކަލޭގެފާނުގެ "އާދާބު" ފޮތުގައި ޞާލިޙު ބޭކަލުންގެ ބަސްފުޅުތަކުން ނަގުލުކުރައްވާފައިވެއެވެ. އޭގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި، އެބޭކަލުންގެ ބޭނުމެއް ފުއްދަވައިދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވާއިރު، އެ ބޭނުން އަވަހަށް ފުދުމަށްވުރެ ބޮޑަށް އެދެވެނީ އެ ދުޢާގެ ސަބަބުން ހިތަށް ލިބޭ ހަމަޖެހުމާއި ﷲ އާ ކުށްތަންވުމުގެ އިޙްސާސް ދެމިއޮތުމަށެވެ. 

މީހަކު އިޚްލާޞްތެރިކަމާއި މަޑުމޮޅިކަމާއެކު ދުޢާކުރުމުން، އޭނާ އެދޭ ކަމަށްވުރެ ބޮޑު ނިޢުމަތެއް (ހިތުގެ އުފާވެރިކަމާއި، ބާއްޖަވެރި ދިރިއުޅުމަކާއި، ހިތްހަމަޖެހުން) ﷲ ތަޢާލާ އެމީހަކަށް މިންވަރު ކުރައްވައެވެ. ﷲ ތަޢާލާ އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ: 

لَئِن شَكَرْتُمْ لَأَزِيدَنَّكُمْ

މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ."

ޝައިޚް ބަޔާންކުރެއްވި ގޮތުގައި ﷲ އާ އޮންނަ ގުޅުން އެންމެ ބޮޑަށް ވަރުގަދަކޮށްދޭ ދެ ކަމެއް ވެއެވެ:

 

1. ދުޢާކުރުން:

ދުޢާކުރުމަކީ އަޅާ އާއި ﷲ އާ ދެމެދުގައިވާ ސިއްރެކެވެ. ޚާއްޞަކޮށް ސަޖިދައިގެ ވަގުތުގައްޔާއި، ރޭގަނޑުގެ ކަނު އަނދިރީގައި، އެހެން ހުރިހާ މަޚްލޫޤުންނެއްގެ ކިބައިން އުންމީދު ކަނޑާލައި ހަމައެކަނި އެކަލާނގެއަށް ދަންނަވާ ދެންނެވުމެވެ.

2. ﷲ ގެ ރުހުންލިބޭނެ ހެޔޮ ޢަމަލުތައް ކުރުން:  

قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ ‎﴿٣١﴾‏

މާނައީ:  ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبع ވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (31)

 

- ޝައިޚް ޢަބްދުއްސަލާމް އަލް-ޝުވައިޢިރުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން