އަންނަ އަހަރުން ފެށިގެން ރާއްޖޭގެ އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުންވެސް ފެމިލީ މީޑިއޭޝަން ނުވަތަ އާއިލީ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އުއްތަމަފަނޑިޔާރު މިހެން ވިދާޅުވީ ނޭޝަނަލް ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމާއި، ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭގޮތުން ކުރި ދިރާސާ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަފަނޑިޔާރު ވަނީ ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ އާއިލީ މައްސަލަތަކާއި ވަރީގެ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ފެމިލީ ކޯޓުގައި 5،102 ކައިވެނި ކޮށްދީފައިވާއިރު، 3،498 ވަރި ކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ، މުޖުތަމައުގައި އާއިލީ މައްސަލަތަކުގެ ހައްސާސްކަން ބޮޑުވެ، އޭގެ ނާޒުކުކަން އިތުރުވެފައިވާ މިންވަރަށް ބަލައި، 2025 ވަނަ އަހަރު ބޭއްވި "ފަނޑިޔާރުންގެ މަހާސިންތާ" ގައި މުހިއްމު ނިންމުމެއް ނިންމާފައިވާ ކަމަށެވެ. އެއީ ފެމިލީ ކޯޓުގެ އިތުރުން އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގައިވެސް އާއިލީ މައްސަލަތަކަށް އެންމެ އެދެވޭ ހައްލު ހޯދުމަށް މީޑިއޭޝަންގެ މަސައްކަތް ފެށުމެވެ.
މި މަސައްކަތުގެ ދަށުން މީޑިއޭޓަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފެށިގެންދިޔުމަކީ ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، "މިއަދު މިފަށާ ޕްރޮގްރާމަށްފަހު މީޑިއޭޓަރުން ތަމްރީންކުރުމުގެ ކަންކަން ހުއްޓުމެއް ނެތި ކުރިއަށްގެންގޮސް، މެޖިސްޓްރޭޓް ކޯޓުތަކުގައިވެސް މާލޭގައި ހުންނަ ފެމިލީ ކޯޓެކޭ އެއްފަދައިން ފެމިލީ މީޑިއޭޝަންގެ ޚިދުމަތް ފެށުމުގެ ދަތުރު ފެށޭނެ،" ކަމަށެވެ.
އަތޮޅުތަކުގެ ކޯޓުތަކުން މި ޚިދުމަތް ލިބިގެންދިޔުމަކީ ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ލިބޭނެ މުހިއްމު ފުރުސަތެއްގެ ގޮތުގައި އުއްތަމަފަނޑިޔާރު ވަނީ ސިފަކުރައްވާފައެވެ. މި ނިޒާމުގެ ސަބަބުން ކޯޓުތަކަށް ހުށަހެޅޭ އާއިލީ މައްސަލަތައް އިތުރަށް ގޯސްވިޔަނުދީ، ސުލްހަވެރި މާހައުލެއްގައި ހައްލުކުރުމަށް މަގުފަހިވެގެންދާނެއެވެ.