ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 14ސ
ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް ފަށައިފި


ކ. ގިރިފުށި: ދިވެހި އަސްކަރިއްޔާގެ ތަމްރީނުތަކަށް ޚާއްޞަކޮށްފައިވާ ކ. ގިރިފުށީގެ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް މިއަދު އިފުތިތާހުކޮށްފިއެވެ.

މިއަދު ހަވީރު ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ މަސައްކަތް ފަށްޓަވައިދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށް ގެންގުޅުއްވާ އިސްތިރާޖީ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫޢެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ސިފައިންގެ ތަމްރީނުތަކަށް ބޭނުންވާ ވަޞީލަތްތައް ފުޅާކޮށް، އަސްކަރިއްޔާގެ ހުނަރުވެރިކަން އިތުރުކުރުމެވެ.

މަޝްރޫޢުގެ ފުރަތަމަ ފޭސްގެ ދަށުން، ގިރިފުށީގައި މިހާރު އޮތް 5.7 ހެކްޓަރުގެ ބިމުގެ އިތުރަށް 13.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ރަށުގެ ބޮޑުމިން އިތުރުވެ، ތަމްރީނުތަކަށް ބޭނުންކުރާ ސަރަޙައްދު ބޮޑުތަނުން ތަނަވަސްވެގެންދާނެއެވެ. ބިން ހިއްކުމުގެ އިތުރުން، އައްސޭރިފަށުގެ ހިމާޔަތަށް ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

މީގެއިތުރުން، ދަތުރުފަތުރާއި ލަފާފުރުމަށް ލުއިފަސޭހަކުރުމުގެ ގޮތުން އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، 40 މީޓަރާއި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރެވޭނެއެވެ. އަދި މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި، 300 މީޓަރުގެ ޒަމާނީ ސްމޯލް އާމްސް ރޭންޖެއް މި މަޝްރޫޢުގެ ތެރެއިން ޤާއިމްކުރެވޭނެއެވެ.

މި މަޝްރޫޢު ނިމުމުން ގިރިފުށި ވެގެންދާނީ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމްގެ މައި މަރުކަޒަށެވެ. އަދި އެތަނުގައި އޮފިސަރ ޓްރެއިނިންގ ވިންގާއި، އެންސީއޯ އެކެޑަމީގެ ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަޞީލަތްތަކާއި، ދަރިވަރުންނާއި މުދައްރިބުންގެ އެކޮމޮޑޭޝަން ފެސިލިޓީތައް ވެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެއެވެ.

މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ އިސް އޮފިސަރުންގެ އިތުރުން، މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރުމަށްޓަކައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢުކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން