ރާއްޖެއިން މިހާރު މަހެއްގެ މައްޗަށް 63 ޓަނުގެ ސީވީޑް ހާވެސްކޮށް އެކްސްޕޯޓްކުރޭ: ސްޓޭޓް މިނިސްޓަރ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރާއްޖެއިން މިހާރު މަހެއްގެ މައްޗަށް 63 ޓަނުގެ ސީވީޑް ހާވެސްކޮށް އެކްސްޕޯޓްކުރޭ: ސްޓޭޓް މިނިސްޓަރ

ދިވެހިރާއްޖޭގައި ސީވީޑް ނުވަތަ ކަނޑު ފެއްސާއި މޫދު ފަތް އާލާކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށާއި، މިހާރު މަހެއްގެ މައްޗަށް 63 ޓަނުގެ ސީވީޑް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، ރާއްޖޭގައި ސީވީޑް އާލާކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކުން މިހާރު ތަޖުރިބާކޮށްފައިވާ ކަމަށެވެ. މި މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 100 ވަރަކަށް ކިލޯގެ ސީވީޑް ކަލްޗަރ ކުރަން ފަށައިގެންނެވެ. ނަމަވެސް، ބ. ފެހެންދޫގައި ކުރިއަށްދާ މި މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވި ގޮތުގައި، މިހާރު އެ ރަށުން މަހެއްގެ މައްޗަށް 63 ޓަނުގެ ހިއްކި ސީވީޑް ހާވެސްޓްކޮށް އެކްސްޕޯޓްކުރެއެވެ.

"އެބޭފުޅުން ފެށީ ގާތްގަނޑަކަށް 100 ވަރަކަށް ކިލޯގެ ސީވީޑު ކަލްޗަރކުރަން ފެށީ. އެހެންނަމަވެސް މިހާރު އެބޭފުޅުން ގާތްގަނޑަކަށް މަހެއްގެ މައްޗަށް 63 ޓަނުގެ ޑްރައިޑް ސީވީޑް ހާވެސްޓް ކުރާކަމަށް އެ ބޭފުޅުން އަޅުގަނޑުމެންނަށް މައުލޫމާތުދީފައި އޮތީ. 63 ޓަނުގެ ޑްރައިޑް ސީވީޑަކީ އެއީ ގާތްގަނޑަކަށް ބަލާނަމަ 5 ކޮންޓެއިނަރގެ ސީވީޑް އެކްސްޕޯޓްކުރެވިގެން އެދަނީ މަހެއްގެ މައްޗަށް،" މުއްޠަލިބު ވިދާޅުވިއެވެ.

މި މަސައްކަތަކީ އިގްތިސާދީ ގޮތުން ފައިދާހުރި ރަނގަޅު އިންވެސްޓްމަންޓެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. އެހެންކަމުން، މި މަސައްކަތް އިތުރަށް ފުޅާކޮށް، މުޅި ރާއްޖެއަށް ފަތުރާލުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން