ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތަކީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މުހިއްމު މަރުޙަލާއެކެވެ.
މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ބޯހިޔާވަހިކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހަމަވީއިރު، ބައިލައްކައަށްވުރެ ގިނަ މީހުން ވަނީ ގޯއްޗަށާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށައަޅާފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފްލެޓަށް އެދި 35,900 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށައަޅާފައިވާއިރު، ގޯއްޗަށް އެދި 22,000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.
ދައުލަތުގެމީޑިއާއަށް މަޢުލޫމާތު ދެއްވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، "އެޕްލިކޭޝަންތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް މިހާރު ވަނީ ފަށާފައި،" ކަމަށެވެ. ކްރޮސް ވެރިފިކޭޝަންގެ މަރުޙަލާގައި ފޯމުގައި ހުށައަޅާފައިވާ މަޢުލޫމާތުތައް ދައުލަތުގެ އެކި އިދާރާތަކުގައި ހުރި މަޢުލޫމާތުތަކާ އަޅާކިޔައި، އޭގެ ސައްޙަކަން ކަށަވަރުކުރާނެއެވެ. ޚާއްޞަކޮށް މާލޭގައި ދިރިއުޅުނު މުއްދަތު ފަދަ މުހިއްމު މަޢުލޫމާތުތައް މި މަރުޙަލާގައި ޔަޤީންކުރެވޭނެއެވެ.
ބޯހިޔާވަހިކަން އެންމެނަށް ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުފުޅެކެވެ. މި ވަޢުދު ފުއްދުމަށްޓަކައި ޢިމާރާތްތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ މާކުރިން، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހަރުދަނާކަމާއެކު ފަށާފައެވެ.
މި އަހަރުގެ ޖެނުވަރީ މަހުގެ 18 ވަނަ ދުވަހު ބޯހިޔާވަހިކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ، ކުރިން ބޭނުންކުރި ޕޯޓަލް އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން ރައްޔިތުންގެ އަޑުއަހައިގެން އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށްފަހުއެވެ. މިއީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެންމެ ފަސޭހައިން ފުރުޞަތުތައް ފަހިވާނެހެން ފަރުމާކޮށްފައިވާ ނިޒާމެކެވެ.