ކުރިއަށް އޮތް ތިން އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނަން ބޭނުންވާ އައު މަޝްރޫއުތަކާއި ހަރަކާތްތައް ކަނޑައެޅުމަށް މިނިސްޓްރީތަކަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ. މިގޮތުން 2027 އިން 2029 ވަނަ އަހަރަށް ކުރިއަށްގެންދަން ބޭނުންވާ އައު ކަންކަމަށް ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ "ނިއު ޕޮލިސީ އިނީޝިއޭޓިވް" ގެ ދަށުން މިނިސްޓްރީތަކުން ބަޖެޓުގައި ހިމަނަން ބޭނުންވާ އައު ކަންކަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މިއީ ކުރިއަށް އޮތް ތިން އަހަރުގެ ޕްރޮގްރާމް ބަޖެޓު އެކުލަވާލުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
މި ބަޖެޓުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވަނީ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށެވެ. އެގޮތުން އުމްރާނީ ތަރައްޤީގެ ކަންކަމަށް 2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެކިއެކި އެހެނިހެން ކަންކަމަށް ޚާއްސަކޮށްފައިވަނީ 500 މިލިއަން ރުފިޔާގެ ސީލިންގއެކެވެ.
މިނިސްޓްރީތަކުން ބަޖެޓުގައި ހިމަނަން ބޭނުންވާ މިފަދަ އައު ކަންކަން ހުށަހެޅުމަށް ސުންގަޑިއެއްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ. ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައިވާ ގޮތުން، އަންނަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެ ކުރިން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުރިހާ މިނިސްޓްރީތަކުންވެސް ހުށަހެޅުންތައް ފޮނުވަން ޖެހޭނެއެވެ.
މި ފުރުސަތަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ތަރައްޤީއަށް މުހިންމު މަޝްރޫއުތައް ރޭވުމަށްޓަކައި ދައުލަތުގެ އިދާރާތަކަށް ދެވޭ ފުރުސަތެކެވެ.