އެއީ އެންމެންގެ މައްޗަށް ހިތްހެޔޮކޮށްގެން
ނިދަމުން އަންނަ އަންހެނެކެވެ. އެކަމުގެ ސަބަބުން އޭނާއަށް ސުވަރުގެ ލިބުން އެދިގެންނެވެ. އޭނާއަށް މައްސަލައެއް ކުރިމަތިވިއެވެ. އެއީ އެކުވެރިއަކު ކަމަށް ދެކެގެން އުޅެމުން އައި މީހެއްގެ ސަބަބުން ކައިވެނިރޫޅެންޖެހުމެވެ.
އެރޭ ނިދަންވެގެން އެންމެންނަށް ހިތްސާފުކުރަން އުޅުމުން އެދެރަދިން އެކުވެރިޔާއަށް ހިތްސާފުކުރަން އުނދަގޫވިއެވެ. އޭރޭ އޭނާއަށް ހުވަފެނެއް ފެނުނެވެ. ވަރަށް ބާރަށް ސުވަރުގެޢާއި ދިމާއަށް ދެވިދެވި ހުއްޓައި ފައި ހުއްޓެނީ ފިވަވަޅު ނުއެޅެނީއެވެ.
ވަރަށް ދެރަވިއެވެ. ކުރިއަށް ހިނގަން ބޭނުންވިއެވެ. އެކަމަކު ހުރިތަނުން ގުޑައިވެސް ނުލެވުނެވެ. އެވަޤުތު އޭނާގެ ހިތުގައި ކަްނބޮޑުވުންތަކެއް އުފެދުނެވެ. އަމިއްލަ ނަފުސާއި ސުވާލުކުރެވުނެވެ. އަހުރެންގެ ފާފައަކީ ކޮބައިހެއްޔެވެ؟ ވިސްނަން ހުއްޓައި އިވެނީ އަޑެކެވެ. "މުހިންމީ ތިބާއަށް ކުރެވެން އޮތް މާއުފާވެރި ކައިވެނިކުރެވޭނެ މަގު ފަހިކޮށްދިން މީހާއަށް ޙަސަދަވެރިވުން ހެއްޔެވެ؟ ނޫނީ އޭނާކުރި ކަންތައް އޭނާއަށް ދޫކޮށްލައި ބާރަށް ގޮސް ސުވަރުގެ ވަނުން ހެއްޔެވެ؟
ހޭލެވުމާއި ވިސްނައިލެވުނެވެ. މިއީ މިރޭ ޝައިޠޯނާ އަހުރެންގެ ހިތަށް ވެއްދުވި ވަސްވާސްތަކުގެ ނަތީޖާއެވެ. އޭނާކުރި ކަންތައް އޭނާއަށެވެ. އަހުރެން ބޭނުމީ ސުވަރުގެއެވެ. އޭނާއަށްވެސް ހިތްސާފެވެ.
ގުޅުން ހުރި ލިޔުމެއް!:
ވސްނައިލާށެވެ! ކޮންމެވެސް މީހަކު ތިބާއަށް ނުބައި ބަސްތައް ބުނެ އެއްޗެތި ގޮވަނީއެވެ. ދޮގު އިލްޒާމްތައްވެސް އަޅުވަނީއެވެ. ތިބާގެ ޙަޤީޤަތް އޮޅުވާލައި ފަޟީޙަތްކުރަންވެސް މަސައްކަތްކުރަނީއެވެ.
އެޙާލަތުގައި ރައްދުނުދީ ހުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ވަރަށް މަދުމީހަކަށް ނޫނީ އެކަންކަމަށް ކެތްތެރިވުމަކީ ކުޅަދާނަ ކަމަކަށް ނުވާނެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އެހާލަތުގައިވެސް އޭނާއަށް ނުބައި ބަހެއް ނުބުނެ ހެޔޮދުޢާކުރާށެވެ! އޭނާއަށް ހެޔޮވިސްނުން ދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދާށެވެ. އޭނާގެ މައްޗަށް ތިބާގެ ހިތުގައި ހަސަދަވެރިކަމެއް ނުބާއްވާށެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ތިބާ ސުވަރުގެ ވަނުމަށް ﷲ ތަޢާލާ ތިބާއަށް ދެއްވެވި ފުރުޞަތަކަށްވާތީއެވެ. އެއީ ޙަދީޘްފުޅުން ޔަޤީންކުރެވެން އޮތް ކަމެކެވެ. ކޮންމެ ރެއަކު އެންމެންގެ މައްޗަށް ހިތްހެޔޮކޮށްގެން އަވަހާރަފުޅުލައްޕަވަމުން ގެންދެވި ޞަޙާބީއަކު ދިރިހުންނަވަނިކޮށް އެޞަޙާބީއަށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޞަޙާބީންގެ ކުރިފުޅުމަތީގައި ދެއްވަވާފައިވާތީއެވެ.
މިވާހަކަ ވަރަށް ގިނައިން ދައްކަމެވެ. އެއީ މިކަމަށް ސަމާލުކަން ނުދީ ސުވަރުގެ ވަނުމަށް ދެއްވަވާ ފުރުޞަތު ނަގައިލާ މީހުން ގިނަކަމުން ހިތަށް އަސަރުކުރާތީއެވެ. މުއްމިނުންގެ ސިފައަކަށްވާންޖެހޭނީ ސުަވރުގެ ވަނުމަށް މަގުފަހިވާ ކޮންމެ ކަމަކަށް އަވަސްވެގަތުން ކަމުގައިވާތީއެވެ.
--މުފްތީ މެންކުގެ ދަރުސަކުން