"މިނިވަން 60" ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ޚަރަދުކޮށްފައި ވާނީ ޖުމްލަ 4.1 މިލިއަން ރުފިޔާ: ވަޒީރު ހީނާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
"މިނިވަން 60" ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ޚަރަދުކޮށްފައި ވާނީ ޖުމްލަ 4.1 މިލިއަން ރުފިޔާ: ވަޒީރު ހީނާ

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން 2025 ވަނަ އަހަރު ފާހަގަކޮށްފައިވާ އިރު, މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ޚަރަދުކޮށްފައިވާނީ ޖުމަލް 4.1 މިލިއަން ރުފިޔާ ކަމުގައި ވަޒީރު ހީނާ ވަލީދު ހާމަކުރައްވައިފިއެވެ.

ވަޒީރު ހީނާ މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުން މަޖްލިހުގައި ކުރިއަށް ދިޔަ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ލިޔުމުން ހުށަހަޅުއްވާފައިވާ ސުވާލަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް މަޖްލިހަށް ހާޒިރުވެވަޑައިގެން ދެއްވި ޖަވާބުގައެވެ.

ވަޒީރަށް ހުށަހެޅިފައިވާ ސުވާލުގައި, މިނިވަން 60 ފާހަގަކުރުމުގެ ގޮތުން އަތޮޅުތެރޭގައި ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ޚަރަދުގެ ތަފްޞީލްވެސް ޙިއްސާކުރެއްވުމަށް އެދިވަޑައިގެންފައިވީ ނަމަވެސް, ވަޒީރު ހީނާ ވިދާޅުވީ ވުޒާރާއިން އިންތިޒާމްކޮށްގެން އަތޮޅުތެރޭގައި މިނިވަން 60 ގެ ހަރަކާތެއް ސަރުކާރުން ކުރިއަށް ގެންގޮސްފައިނުވާ ކަމުގައެވެ.

ވަޒީރުގެ ޖަވާބަށް ފަހު, އެހެން މެންބަރުންގެ ސުވާލުތަކަށް ރިޔާސަތުން ހުޅުއްވައިލެއްވި ފުރުޞަތުގައި ކުރެއްވި ސުވާލުތަކަށް ވެސް ވަޒީރު ވަނީ ޖާވަބުދެއްވާފައެވެ. އެގޮތުން ވުޒާރާއާ ގުޅުން ހުރި އެހެން މަސައްކަތްތަކަށް އަލިއަޅުއްވައި ވަޒީރު ވަނީ "މެރިޓައިމް ސާވޭ" ގެ ނަމުގައި ވުޒާރާއިން ކުރަމުން ޚާއްސަ މަސައްކަތުގެ ތަފްޞީލް ޙިއްސާކުރައްވާފައެވެ.

މި ދިރާސާގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 400 އަށްވުރެ ގިނަ އާސާރީ ތަންތަން މިހާތަނަށް ލިސްޓުކުރެވިފައިވާ ކަމަށާއި, 18 އަތޮޅުގައި ހުރި އާސާރީ ތަންތަން ދިރާސާކޮށް ކިތާބުކުރުމުގެ މަސައްކަތްތައް ނިންމާލެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޖުލައި މަހާ ހަމައަށް މާލެ ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގެ އާސާރުތައް ދެނެގަތުމުގެ މަސައްކަތް އެއްކޮށް ނިންމާ ފުރިހަމަ ކުރެވޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

"މަޝްރޫޢުތައް ނިމުމުން މި މައުލޫމާތުތައް އޮންލައިން ޑޭޓާބޭސްއެއްގައި ކިޔަވާކުދިންނާއި ދިރާސާކުރާ ކުދިންނަށް ލިބެންހުންނާނެ. އަދި މައުލޫމާތު ހޯދާއި ބަލައި އެ މަސައްކަތްތައް ހިލޭ ބަލާލެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޚާ ގުޅުން ހުރި މިފަދަ މުހިންމު މަސައްކަތްތަކަކީ ވުޒާރާއިން އެންމެ އިސްކަންދޭ މަސައްކަތްތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ ތާރީޚް ރައްކާތެރިކޮށް ތައުލީމީ ދާއިރާއާއި ދަތުރުވެރިކަމަށް މިކަމުގެ ސަބަބުން މަންފާ ކުރާނޭ މުހިންމު ކަންކަން ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން