ކީސްޓޭޖް 1 ގެ ދަރިވަރުންގެ ފެންވަރު ބައިނަލްއަޤްވާމީ ފެންވަރުގައި ވަޒަންކުރުމަށް އިމްތިހާނެއް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކީސްޓޭޖް 1 ގެ ދަރިވަރުންގެ ފެންވަރު ބައިނަލްއަޤްވާމީ ފެންވަރުގައި ވަޒަންކުރުމަށް އިމްތިހާނެއް ބާއްވަނީ

މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކީސްޓޭޖް 1 ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކުން ވަޒަންކުރުމަށްޓަކައި ހާއްސަ އިމްތިހާނެއް ބޭއްވުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

ވަޒީރު މިކަން އިޢުލާނުކުރެއްވީ ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލަރނިންގ އައުޓްކަމްސް ރިޕޯޓް އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިއަށް އޮތް ތަނުގައި ބައްޓަންކުރާނީ އެކި އެސެސްމަންޓުތަކުން ލިބޭ ހެކިތަކާއި ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ދަރިވަރުންގެ ނަތީޖާއަށް ބަލައި ބައެއް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާނެކަން ހާމަކުރައްވާފައެވެ. އެގޮތުން، ހިސާބު މާއްދާގެ ނަތީޖާ ދަށްވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މުދައްރިސުން އިތުރަށް ތަމްރީނުކުރުމާއި، އެ މާއްދާ ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ދިވެހި އަދި އިސްލާމް މާއްދާގެ ނަތީޖާ މިހާރުވެސް ރަނގަޅުކަން ފާހަގަކުރައްވަމުން، އެ ނަތީޖާ މިހާރަށްވުރެ ވެސް މަތިކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި އެސެސްމަންޓުތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރި މިންވަރު ދެނެގަނެވި، ތަޢުލީމީ ފެންވަރު މަތިކުރުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން