ރާއްޖޭގެ ދިރުންތަކުގެ މުއްސަނދިކަމަކީ އިޤްތިޞާދާއި، ސަގާފަތް އަދި ދިވެހިންގެ ދިރިއުޅުމުގެ އަސާސް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރާއްޖޭގެ ދިރުންތަކުގެ މުއްސަނދިކަމަކީ އިޤްތިޞާދާއި، ސަގާފަތް އަދި ދިވެހިންގެ ދިރިއުޅުމުގެ އަސާސް: ވަޒީރު

ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ ކޮމިޓީ އޮން އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ނުވަވަނަ ސެޝަންގެ ހަވާސާގައި ބޭއްވި "ބިޒްނަސް އެންޑް ބަޔޯޑައިވަރސިޓީ: ރީއިމޭޖިނިންގ ހިއުމަން-ނޭޗަރ ރިލޭޝަންޝިޕްސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް" އިވެންޓުގައި މިނިސްޓަރ އަލީ ޝަރީފް ބައިވެރިވެވަޑައިގެން ތަޤުރީރު ކުރައްވައިފިއެވެ. ޔޫކޭ އަދި ޔޫއެންޑީޕީ ގުޅިގެން އިންތިޒާމުކުރި މި ހަރަކާތުގައި މިނިސްޓަރ ވަނީ ދިވެހިރާއްޖޭގެ ތިމާވެށީގެ ހާލަތާއި އިޤްތިޞާދާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިނިސްޓަރ އަލީ ޝަރީފްގެ ތަޤުރީރުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ދިރުންތަކުގެ މުއްސަނދިކަން ނުވަތަ ބަޔޯޑައިވަރސިޓީއަކީ ރާއްޖޭގެ އިޤްތިޞާދާއި، ސަގާފަތް އަދި ދިވެހިންގެ ދިރިއުޅުމުގެ އަސާސެވެ. ވަކިން ހާއްސަކޮށް ދެމެހެއްޓެނިވި މަސްވެރިކަމާއި، އިކޯ-ޓޫރިޒަމް އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނަމަވެސް، މިންވަރަށްވުރެ އިތުރަށް މަސްވެރިކަން ކުރުމާއި، ގާ ހުދުވުމުގެ މައްސަލަތަކުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ނާޒުކު ފައްތަރެއްގައިވާ ކަމުގެ އިންޒާރު މިނިސްޓަރ ދެއްވިއެވެ. މިނިސްޓަރ ބަޔާންކުރެއްވި ގޮތުގައި، މިހާރުގެ ތަރައްޤީގެ ބޭނުންތަކާއި ދިގު މުއްދަތުގެ ދެމެހެއްޓެނިވި އަމާޒުތަކާ ދެމެދު ހަމަހަމަކަން ގާއިމުކުރުމަށްޓަކައި، ވަރުގަދަ ބައިނަލްއަޤްވާމީ ޕާޓްނަރޝިޕްތަކާއި، މެދުނުކެނޑި ލިބޭ އެހީތެރިކަން އަދި އެކުލަވާލެވިފައިވާ ސިޔާސަތުތަކެއް ބޭނުންވެއެވެ.

ތަޤުރީރު ނިންމަވާލައްވަމުން މިނިސްޓަރ ވިދާޅުވީ، "ޤުދުރަތީ ތިމާވެއްޓާއެކު އޮންނަ ގުޅުމަކީ ބުރައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ތަނަވަސްކަމާއި ކުރިއެރުމަށް އޮތް އެންމެ ބޮޑު ފުރުސަތު ކަމުގައި ބަލައި، އެ ގުޅުން އައު ގޮތަކަށް ބައްޓަންކުރުމަށް ހުރިހާ ބައިވެރިންނާއެކު މަސައްކަތް ކުރުމަށް ދިވެހިރާއްޖެ އޮތީ ތައްޔާރަށް" ކަމަށެވެ.

މިއަދު އޮންލައިން