އެންމެ ފައިދާހުރި ނަޞީހަތުގެ ގޮތުން ކިޔައިދޭނެ އައުވާހަކަތަކެއް ނުހުންނާނެއެވެ. ސަބަބަކީ ކިޔައިދޭންހުރީ އެއްވާހަކަތަކެކެވެ. އެވާހަކަތައް އަބަދުވެސް މިގެންދަނީ ތަކުރާރުކުރަމުންނެވެ. ދީނުގައި އޮތީވެސް ގިނަގިނައިން ހަނދުމަކޮށްދިނުމެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ!
ސުވަރުގެ އެދޭ މީހާ ވީހާ ގިނައިން ހެޔޮ ޢަމަލުތައް ކުރަންވީ ސަބަބުތައް ވަރަށް ގިނައެވެ. އެސަބަބުތަކުގެ ތެރެއިން އެންމެ މުހިންމު ސަބަބުކަމުގައި އަހުރެންނަށް ފާހަގަކޮށްލެވޭ ސަބަބު ބަޔާންކޮށްލާނަމެވެ.
އަހަރެމެންގެ ޢަމަލުތަކާއިމެދު ބެއްލެވުންވަނީ އަހަރެމެން ނިމިދިއަ ގޮތެއްގެ މައްޗަށެވެ. ވީމާ އިންސާނާއަށް އެންމެ މުހިންމުކަންބޮޑީ ރަނގަޅު ނިމުމެކެވެ. ހެޔޮ ޢަމަލުކުރުންމަތީގައި މަރުގެންދެވުމެވެ. އެކަމަށް އެދޭ މީހާއަށް އޮތީ ހެޔޮ ޢަމަލުކުރުން ގިނަކުރުމެވެ.
މިސާލަކަށް އަހަރެމެން ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ސަޖިދައި އޮއްވާ މަރުޖިއްޕެވުމެވެ. ފުރާނަގެންދެވުމެވެ. އެހެނީ އެވަގުތަކީ ތިމާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ. ކޮންމެ މުސްލިމަކުވެސް އެދޭނީ އެޙާލަތުގައި އެމީހާގެ ފުރާނަ ހިއްޕެވުމަށެވެ. އެކަމަށް (ސަޖިދައިގައި) އޮވެ މަރުވުމަށް ކިތަންމެ ބޮޑަށް އެދުނު ނަމަވެސް އެކަން ޙާޞިލުކުރެވޭނީ ގިނަގިނައިން ނަމާދުކޮށްގެންނެވެ. ސަޖިދަކޮށްގެންނެވެ.
ދެން އޮތީ އެޢަމަލެއްދެކެ އެންމެ ބޮޑަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ޢަމަލެވެ. އިމެއްނެތި ޘަވާބު ދެއްވަވާ އަޅުކަމެވެ. ރޯދަވެރިއަކު ރޯދައަށް ހުއްޓައި އޭނާގެ ފުރާނަ ގެންދަވައިފިނަމަ އެގެންދެވުނީ އެންމެ ހެޔޮކަން ބޮޑު ޢަމަލުކުރުންމަތީގައި ހުއްޓައެވެ. ކުރިން ބުނި ފަދައިން އެކަންވެސް ޙާޞިލުކުރެވޭނީ ގިނަގިނައިން ރޯދަހިފުމުންނެވެ. މިބަހުގެ މާނައަކީ ތިމާ ރޯދައަށް ހުއްޓައި ތިމާގެ ފުރާނަ ގެންދަވަން އެދޭމީހާއަށް އޮތީ ވީހައި ގިނައިން ރޯދަ ހިފުން ކަމެވެ. އެކަމަށް އެދިގެން މަސައްކަތްކުރުމަކީ ގިނަގިނައިން ރޯދަ ހިފުމެވެ.
ބުނެލަން ބޭނުންވަނީ ރަނގަޅު ނިމުމެއް ލިބުންވަނީ އެކަމަށް އެދިގެން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހަކަށެވެ. ދެއްކުންތެރިކަމާއި ދުރުހެލިވެ ހެޔޮ ޢަމަލުތައްކުރާ މީހަކަށެވެ. ވީމާ ސުވަރުގެ ލިބިގަތުމަށްޓަކައި ހެޔޮ ޢަމަލުތައްކުރުން ގިނަކުރަން އެބަޖެހެއެވެ. އެއީ ހަމައެކަނި ދުލުން ބުނެލާ ބަހަކުން ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. ހިވާގި، މުރާލި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހުންނަށް ޙާޞިލުކުރެވޭނެ ކަމެކެވެ. ހަމައެއާއިއެކު ރަނގަޅު ނިމުމެއް ދެއްވެވުން އެދި ވީހާ ގިނައިން ދުޢާކުރަންވެސް ވާނެއެވެ.
ހަމައެއާއިއެކު ފާފައެއް ނުކުރަންވެސް މަސައްކަތްކުރާށެވެ! ނުބައި ޢަމަލެއް ކުރުންމަތީގައި ފުރާނަ ހިއްޕަޕަވައިފާނެ ކަމަށްޓަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން