ފާފަކުރުން ހުއްޓާލައި ތައުބާވުމަށް އަމުރުކުރައްވަވާފައިވާ ބައެއް އާޔަތްތަކުގައިވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތައުބާވުމަށް މީސްތަކުންނަށް ހިތްވަރު ލިބޭނެ ޢިބާރާތުންނެވެ. އޭފާފަކުރާ މީހުންނޭވެ! ވަޙީކުރެއްވެވުމުގެ ބަދަލުގައި ވަޙީކުރައްވަވާފައިވަނީ "ތިމަން ﷲ ގެ އަޅުތަކުންނޭވެ" މިފަދައިން ކަމަށްވުމުންނެވެ. އެކަމުންވެސް އެނގިގެންދަނީ އަހުރެމެން، ﷲ ތަޢާލާގެ އަޅުތަކުންނަށް ފާފަތައް ކުރެވޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމެވެ.
ވީމާ ޙަޔާތުގައި ކުރެވިފައިވާ ފާފަތަކާއިމެދު ކަންބޮޑުވެ މާޔޫސްނުވާށެވެ! ކުރަން އޮތީ 3 ކަމެކެވެ. 1. މުއްމިނަކަށްވުން 2 ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުން 3 ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރުން މި 3 ކަންތަކެވެ. މި 3 ކަންތައް ކުރުމުގައި ޘާބިތުވެ ހުރެއްޖެ މީހަކަށް ޤިޔާމަތް ދުވަހު މަތިވެރިވެގެންވާ ނިޢުމަތްތައް ދެއްވަވާނެތެވެ. ދެއްވަވާނެ މިންވަރާއި ދަރަޖަ ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަހުރެމެންނަށް އޮތީ އެންމެ މަތީ ހަރުފަތަށް އަރަން މަސައްކަތްކުރުމެވެ.
ޔަޤީންކުރަން އޮތް ކަމަކީ ފާފަ ކުރެވުނަސް ތައުބާވުމުން އެއްވެސް މީހެއްގެ ފާފަ ނުފުއްސަވާނެ ނަމަ އާދަމްގެފާނުގެ ފާފަ ނުފުއްސެވީސްކަމެވެ. އެހެނީ އާދަމްގެފާނަށް ކުރެއްވެވުނު ފާފަ ކުރެއްވެވުނީ ފާފަތަކުން ފުރިގެންވާ މިބިމުގައި ހުންނަވައިގެނެއްވެސް ނޫނެވެ. އުޑުގައި ހުންނަވައިގެންނެވެ.
އެއީ ވަރަށް ބޮޑުކަމެކެވެ. އުޑަކީ ފާފަކުރާތަނެއް ނޫނެވެ. އުޑުގައިވާ މަލާއިކަތުންނަކީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރައްވަވާ ބައެކެވެ. އާދަމްގެ ފާނަށް އުޑުގައި ހުންނަވައިގެންވެސް ފާފައެއް ކުރެއްވެވުނީ އިންސާނަކަށްވީތީއެވެ. ﷲ ތަޢާލާ އާދަމްގެފާނުގެ ފާފަ ފުއްސަވައިދެއްވެވީވެސް އިންށާނުންނަށް ފާފަކުރެވޭނެކަން ދެނެވޮޑިގެންވާތީއެވެ.
ވީމާ ފާފައެއް ކުރެވުމަކީ ނުވަތަ ފާފަތަކެއް ކުރެވިފައިވުމަކީ މައްސަލައެއް ނޫނެވެ. ހިތްވަރު ކުރަންވީ އާދަމްގެފާނު ޢަމަލުކުރެއްވެވި ގޮތަށް ޢަމަލުކުރުމަށެވެ. އެއީ ތައުބާވުމަށް އަވަސްވެގަތުމެވެ. އެއިރުން ހަމަ ކޮންމެ މީހަކަށްވެސް ފާފަ ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން