އަހުރެމެން މަންމަ ދެކެ އެންމެ ބޮޑަށް ލޯބިވާން ޙަދީޘްފުޅުގައި އޮތީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއިގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ މަންމަ ނޫން ކޮންމެ މީހަކީވެސް ތިބާގެ ކިބައިން ކަންކަމަށް ބޭނުންވާތީ ތިބާދެކެ ލޯބިވާނެ މީހެއްކަމެވެ. ތިބާގެ ކިބައިން އެމީހުންނަށް އެބޭނުންތައް ފުދޭއިރުވެސް އޮންނަނީ ތިބާ ދެކެ ލޯބިނުވެވިފައެވެ. ބޭނުންތައް ނުފުދޭނަމަ އެކަން އިތުރަށް ބޮޑުވެގެންދެއެވެ.
ރަނގަޅަށް ވިސްނާށެވެ! މައިން ދަރިން ދެކެ ލޯބިވަނީ އުފަންވީންސުރެ ދަރިންގެ ބޮޑެތި ބުރަތައް އުފުލަމުންނެވެ. އެކަމަށް އެއްވެސް ޝަކުވާއެއް ކުރުމަކާއި ނުލައެވެ. މަނަމްގެ ހިތުގައި ދަރިފުޅުގެ މައްޗަށް އެހައި ބޮޑު ލޯތްބެއް އުފެދެނީވެސް މުހިންމު ސަބަބުތަކެއް ހުރުމުންނެވެ. އެއިގެ ތެރެއިންވެސް އެންމެ ބޮޑު ސަބަބަކީ ދަރިފުޅު މަންމަގެ ބަނޑުގައި ބާއްވައިގެން މަންމަ އުފުލާ ބުރައެވެ. ވިހެއުމަށް އަޅަންޖެހޭ ގަދަފަދަ ވޭނެވެ.
އަދިކީއްހެއްޔެވެ؟ ދަރިފުޅު ބަނޑުގައި އޮންނައިރު ލިބޭކާނާ ލިބެނީ މަންމަގެ ލެއިންނެވެ. އެއަށްފަހު ގާތުންދޭއިރުވެސް އެދެވެނީ މަންމަގެ ލެއިން އުފެދޭ ކިރެވެ. މި ހަޤީޤަތްތަކަކީ ބަދަލުކުރެވޭނެ ކަންކަމެއް ނޫނެވެ.
މަންމައާއި ދަރިފުޅާއި ދެމެދުގައި މިގުޅުންތައް ލެއްވެވީ ﷲ ތަޢާލާއެވެ. އެކަމުން އަންގައިދެނީ ދަރިން މައިންދެކެ ލޯބިވާންޖެހޭނެ މިންވަރެވެ. ޝުކުރުވެރިވެ މަންމައަށް ހެޔޮކޮށް ހިތަންޖެހޭނެ ކަމެވެ. އަދި އެކަނަކަމަށް ދުވަހަކުވެސް ނިމުމެއް އައިސްގެން ނުވާނެ ކަމެވެ.
އަހުރެން އެންމެ ދެރަވަނީ މިކަންކަމަށް ބައެއް ދަރިން ވިސްނައިވެސްނުލާކަމެވެ. މަންމައަށް އަޅާލައި އެހީތެރިވާންޖެހޭ ދުވަހު އެކަންނުކުރާކަމެވެ. އަހުރެންގެ އާދޭހަކީ އެގޮތަށް އެކަން ނުކުރުމެވެ. މަންމަގެ އަގުވަޒަންކޮށް މަންމަ ފަދައިން ތިބާވެސް މަންމަދެކެ އެންމެ ބޮޑަށް ލޯބިވުމެވެ. އެއީ ތިބާއަށް ސުވަރުގެ ވަދެވުންވެސް ފަސޭހަވެގްންދާ ކަމަކަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން