ޖަނާޒާއެއްގަ ބައިވެރިވުމުން ހިތަށް އަސަރު ނުކުރާނަމަ އެކަމުން ކުރި ފައިދާއެއް ނެތް! ރަސޫލް ޞޢޥ ކީރިތި ކުރެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
ޖަނާޒާއެއްގަ ބައިވެރިވުމުން ހިތަށް އަސަރު ނުކުރާނަމަ އެކަމުން ކުރި ފައިދާއެއް ނެތް! ރަސޫލް ޞޢޥ ކީރިތި ކުރެއްވެވި!

އެއީ މީހަކު ނިޔާވެގެން ގިނަ ބައަކު ހިނަވާގޭ ސަރަޙައްދުގައި ތިބި ވަޤުތެކެވެ. މީހަކު މީހަކަށް ބުނާއަޑު އިވުނެވެ. "ތިބާ ނޫނީ ދެރަވެފައި އިން މީހަކު ނުފެނެއެވެ." މިއީ ވަރަށް ގިނައިން އިވޭއަޑެކެވެ. އަދި ގިނަފަހަރު ވަޅުލައި ނިމިގެން ނުކުންނައިރުވެސް ދެރަވެފައިހުރިކަން މޫނުމަތިން ފެންނަނީ މަދުބައެއްގެ ކިބައިންނެވެ.  

ޖަނަޒާތަކުގައި ބައިވެރިވަނީވެސް ވަރަށް މަދު ބައެކެވެ. މިހެން މިބުނަނީ ޖަނާޒާތަކުގައި ބައިވެރިވުމަކީ ޢާއިލާގެ މީހަކު ގާތް މީހަކު މަރުވުމުން ޖަނާޒާގައި ބައިވެރިވުމެއް ނޫނެވެ. މަރުވާ ވީހައި ގިނަ މީހުންގެ ޖަނާޒާތަކުގައި ބައިވެރިވުމެވެ.  

ސުވާލަކީ ބައިވެރިވާ ގިނަ މީހުންނަށްވެސް ކުރަނީ ކޮން އަސަރެއް ހެއްޔެވެ؟ ދެރަވާންޖެހޭ މިންވަރާއި ގާތަކަށްވެސް ދެރަވެވޭހެއްޔެވެ؟ ބިރުވެތިވާންޖެހޭ މިންވަރާއި ގާތަކަށްވެސް ބިރުވެތިކަން ހިތަށް ވަދޭހެއްޔެވެ؟  

ނިކަން ވިސްނައިލަބަލާށެވެ! އެމައްޔިތެއްގެ މައްޗަށް ރަސޫލް ﷺ ކަށުނަމާދުކޮށް ދެއްވަވައިފިނަމަ އެއީ އެމީހަކަށް ސުވަރުގެ ލިބުނީއެވެ. ތިރީގައި އެވަނީ ރަސޫލް ﷺ ގެ އަތްޕުޅުން ޞަޙާބީބޭކަލެއްގެ ޖަނާޒާގެ ކަންކަން ކުރައްވަވައިދެއްވެވުމަށްފަހު ލޯފުޅުން ކަރުނަފޮދު ބާލުއްވަވައި ކީރިތި ކުރެއްވެވި ވާހަކައެވެ. ވިސްނައިފި މީހަކަށް ޢިބްރަތަކަށް ނުވާންވީ ކީއްވެގެންހެއްޔެވެ؟  

އާދެ، ތަބޫކު ހަނގުރާމައަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމް އާއި އެކަލޭގެފާނުގެ ޞާޙާބީން ނުކުމެވަޑައިގެން އުޅުއްވި ރެއެކެވެ. އެރޭ އެކަލޭގެފާނާއި ޞަޙާބީން ނިދިކުރެއްވިއެވެ. އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ނިދިންހޭލެވުނެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ތަންމަތިކޮޅަށް ބަލައިލީމެވެ. ނަމަވެސް އެ ތަންމަތިކޮޅަކު އެކަލޭގެފާނެއްނެތެވެ. ދެން އަބޫބަކުރު رضي الله عنه ގެ ތަންމަތިކޮޅާ ދިމާލަށް ދިޔައީމެވެ. ނަމަވެސް އެކަލޭގެފާނުވެސް ނެތެވެ. ދެން ޢުމަރު رضي الله عنه ގެ ތަންމަތިކޮޅު ބެލީމެވެ. އެކަލޭގެފާނުވެސް ނެތެވެ.

ދެން ވިދާޅުވިއެވެ. ފޭލިގެތަކާ ތަންކޮޅެއް ދުރުން އަލިކަމެއް ފެންނަންހުއްޓެވެ. އެހެންކަމުން އެ ދިމާލަށް ހިނގައިގަތީމެވެ. އެތަނުގައި ކަށްވަޅެއްކޮނެފައި ހުއްޓެވެ. އަދި ރަސޫލާ صلى الله عليه وسلم އެކަށްވަޅު ތެރެއަށް ފައިބާވަޑައިގެން ހުންނެވިއެވެ. އަދި ކަފުންކޮށްފައިވާ މައްޔިތެއް ކަށްވަޅު ކައިރީގައި ބާއްވާފައިއޮތެވެ. އަދި އަބޫބަކުރާއި ޢުމަރު – رضي الله عنهما – އެ ޖަނާޒާގެ ކައިރީގައި ތިއްބެވެ. ދެން ރަސޫލާ صلى الله عليه وسلم އެދެބޭކަލުންނަށް ވިދާޅުވިއެވެ. ” ތިޔަބައިމީހުންގެ އަޚާ ކަށްވަޅަށް ހަމަހިމޭނުން ތިރިކުރާށެވެ."  

ދެން އެބޭކަލުން އެމައްޔިތާ ކަށްވަޅަށް ތިރިކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ޠާހިރު ދެއަތްޕުޅުން އެމައްޔިތާ ކަށްވަޅުގައި ބާއްވާލައްވަވައި، ހަމަޖައްސައްވަވައިލެއްވިއެވެ. އެކަލޭގެފާނުގެ ލޯފުޅުން ކަރުނަފޮދު އޮހޮރިގެންދިއައެވެ. ދެން އެއަށްފަހު ޤިބްލައަށް ކުރިމަތިލެއްވިއެވެ. އަދި އެޠާހިރު ދެއަތްޕުޅު މައްޗަށް އުފުއްލެވިއެވެ. ދެން މިފަދައިން ދުޢާކުރެއްވިއެވެ. اللهم إني أمسيت عنه راض فارض عنه މާނައީ: ” އޭ ﷲ އެވެ! ، ހަމަކަށަވަރުން މިއަޅާ ރޭކުރީ އޭނާއަށް ރުހިގެންވާހާލުއެވެ. އަދި އިބަ ﷲ ވެސް އޭނާއަށް ރުއްސަވާފާދޭއެވެ."  

އަދިވެސް އިބުނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އެއީ ކޮންބޭކަލެއްގެ ޖަނާޒާއެއްތޯ ސުވާލުކުރީމެވެ. އެބޭކަލުން ދެންނެވިއެވެ. އެއީ ކަލޭމެންގެ އަޚް އަބްދުﷲ ޛުލްބަޖާދެއިންގެ ޖަނާޒާއެވެ. 

ޝައިޚް ޝަފީޢު ޢަބްދިﷲ ގެ ލިޔުއްވުމަކުން:

 

- މިއަދުނޫސް

 

މިއަދު އޮންލައިން