ޢާއިޝަތު ރަފާޙް ޢަލީ
މިސާލު ޖެއްސެވުން:
ކީރިތި ޤުރްއާނުގައި ކަންކަން އަޅުގަނޑުމެންނަށް އުނގަންނަވައިދެއްވެވުމަށް މިސާލު ޖައްސަވާފައިވެއެވެ. އެގޮތުން ހިތް ހަރުވުމުގެ މިސާލު ހިލަގަޑުގެ މިސާލުން ޖައްސަވާފައިވެއެވެ.
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 26 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِنَّ اللَّهَ لَا يَسْتَحْيِي أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَا ۚ فَأَمَّا الَّذِينَ آمَنُوا فَيَعْلَمُونَ أَنَّهُ الْحَقُّ مِن رَّبِّهِمْ ۖ وَأَمَّا الَّذِينَ كَفَرُوا فَيَقُولُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا ۘ يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا ۚ وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ ﴿٢٦﴾
މާނައީ: ހަމަކަށަވަރުން މަދިރިއަކުން، ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް، އެއްވެސް ކަހަލަ މިސާލެއް ޖެއްސެވުމަކަށް اللَّه ލަދުވެތިވެވޮޑިގެނެއް ނުވެތެވެ. ފަހެ، إيمان ވި މީހުން، އެ މިސާލަކީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން حق ގޮތުގައި ޖެއްސެވި މިސާލެއްކަން ހަމަކަށަވަރުން ދަނެތެވެ. އަދި كافر ވި މީހުން ބުނެތެވެ. ތިޔަ މިސާލުން، اللَّه އިރާދަކުރެއްވީ ކޮންކަމެއް ބާވައެވެ؟ އެ މިސާލުން، އެކަލާނގެ ގިނަބަޔަކު މަގުފުރައްދަވަތެވެ. އަދި ހަމަ އެ މިސާލުން، އެކަލާނގެ ގިނަބަޔަކަށް ތެދުމަގު ދައްކަވަތެވެ. فاسق ން މެނުވީ، އެއިން އެކަލާނގެ މަގެއް ނުފުރައްދަވަތެވެ. (26)
އެގޮތުން މިއާޔަތުގައި ﷲ ތަޢާލާ މަދިރިއަކުން، ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް، އެއްވެސް ކަހަލަ މިސާލެއް ޖެއްސެވުމަކަށް اللَّه ލަދުވެތިވެވޮޑިގެނެއް ނުވެއެވެ އޮތް ބަސްފުޅަށް ވިސްނާއިރު މީހުން ދެބަޔަކަށް ބެހެއެވެ. މުސްލިމުންނާއި ކާފަރުންނެވެ. އެގޮތުން މުސްލިމުން އެކަމަށް އީމާންވެ އެދެއްކެވި މިސާލު ޤަބޫލުކުރެއެވެ. ނަމަވެސް ކާފަރުން އެކަން ޤަބޫލެއް ނުކުރެއެވެ.
އަދި މަދިރި ނުވަތަ އެހެން މަޚްލޫޤުތަކުން މިސާލު ޖެއްސެވުނީ ކީއްވެގެންތޯ ސުވާލުކުރެއެވެ. މި މިސާލުތަކުން އެއްބައި މީހުން މަގުފުރެދިގެންދެއެވެ. އަދި ބައެއް މީހުންނަށް ހިދާޔަތް ލިބިގެންދެއެވެ.
އަދިވެސް އިބްރާހީމް ސޫރަތުގެ 25 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا ۗ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ ﴿٢٥﴾
މާނައީ: އެ ގަހުގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. اللَّه، މީސްތަކުންނަށް مثال ޖައްސަވަނީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ. (25)