އޭޑީކޭ ހޮސްޕިޓަލުން ދެ 'ރޮބޮޓިކް ޓޯޓަލް ނީ ރިޕްލޭސްމަންޓް' ނުވަތަ ކަކޫ ބަދަލުކުރުމުގެ އޮޕަރޭޝަނާއެކު، ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ރޮބޮޓިކް ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ، ސިއްޙީ ދާއިރާއަށް ކުރެވޭ އިންވެސްޓްމަންޓްތަކަށާއި، ޚާއްޞަކޮށް މިވަގުތު ރާއްޖޭގައި ލިބެންނެތް ޚާއްޞަ ޚިދުމަތްތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ހިތްވަރު އިންތިހާއަށް ބަލައިގަންނަ ކަމަށެވެ.
އޭޑީކޭއިން ފާހަގަކުރި ގޮތުގައި ރޮބޮޓިކް ސަރޖަރީއަށް ކުރި އިންވެސްޓްމަންޓަކީ ޒަމާނީ ޓެކްނޮލޮޖީއާއި ފަންނީ ޤާބިލުކަން ރާއްޖެއަށް ގެނެސް، ސިއްޙީ ދާއިރާއިން ރާއްޖެއަކީ އަމިއްލަ ފުދުންތެރިކަން ޙާޞީލުކުރެވިފައިވާ ޤައުމަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިކަމާ ގުޅިގެން އޭޑީކޭ ގްރޫޕްގެ ފައުންޑަރ އަދި ޗެއާމަން އަޙުމަދު ނާޝިދު ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ ރޮބޮޓިކް ސާޖަރީ އިފްތިތާޙްކުރުމަކީ އޭޑީކޭގެ އަމާޒު ނިމޭ ހިސާބު ނޫންކަމަށާއި، މިއީ މެޑިކަލް ޓޫރިޒަމަށް ކުރާ ދަތުރުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޢިމާރާތްތަކާއި، މެޝިނަރީ އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޞިއްޙީ ދާއިރާއަށް އިންވެސްޓް ކުރަމުން ގެންދާނީ އޭޑީކޭގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ނާޝިދު ވިދާޅުވީ، ދިވެހިން ޚާއްޞަ ފަރުވާ ހޯދުމަށް އަބަދު ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ގޮތަށް އެންމެ ޒަމާނީ ފަރުވާތައް ރާއްޖެއިން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި އަލަށް ފެށި ރޮބޮޓިކް ސަރޖަރީގެ ސަބަބުން މެޑިކަލް ޓުއަރިޒަމްއަށް ރަނގަޅު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
"މިއީ ޙަޤީޤަތުގައި މެޑިކަލް ޓޫރިޒަމްގެ އަމާޒަށް އަޅުގަނޑުމެން އެޅި ކުޑަ ފިޔަވަޅެއް. މިއީ މެޑިކަލް ޓޫރިޒަމްގެ ފުރަތަމަ ފިޔަވަޅު. އަޅުގަނޑު ދެކޭގޮތުގައި ކަކުލު ހުޅު ބަދަލުކުރުމުގެ ޚިދުމަތާއެކު މެޑިކަލް ޓޫރިޒަމަށް ވަރަށް ރަނގަޅު ޕެކޭޖްތަކެއް އަޅުގަނޑުމެންނަށް ތައްޔާރުކުރެވިދާނެ،" އަޙުމަދު ނާޝިދު ވިދާޅުވިއެވެ.