ފެނަކަ އާއި އާރުޑީސީ އުވާލައި އެގްރޯނެޓް މިފްކޯގެ ދަށަށް ބަދަލުކުރަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ފެނަކަ އާއި އާރުޑީސީ އުވާލައި އެގްރޯނެޓް މިފްކޯގެ ދަށަށް ބަދަލުކުރަން ނިންމައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލުމަށާއި، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) މިފްކޯގެ ދަށަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި ނިންމެވުމުގެ ދަށުން، ފެނަކަ އުވާލުމަށްފަހު އެ ކުންފުނިން ދެމުންގެންދާ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާރުޑީސީ އުވާލުމަށްފަހު އެ ކުންފުނިން ކުރަމުން އައި މަގުހެދުމުގެ އެންމެހައި މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މީގެއިތުރުން އެގްރޯނެޓް ހިންގަމުން ގެންދާނީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައެވެ.

ސަރުކާރުން މި ބަދަލުތައް ގެންނެވުމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިސްރާފުވާ ޚަރަދުތައް ކުޑަކުރުމެވެ. އަދި ކުންފުނިތައް 'ރައިޓް ސައިޒް' ކޮށް، މުވައްޒަފުންގެ ޢަދަދު އެކަށީގެންވާ މިންވަރަކަށް ކުޑަކުރުމަކީވެސް މި ނިންމެވުމުގެ މުހިންމު ބޭނުމެކެވެ.

މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމެވި ސަބަބުތަކުގެ ތެރޭގައި، ނިމިދިޔަ ސަރުކާރުތަކުން ސިޔާސީ މަންފާއަށްޓަކައި އިންތިޚާބުތަކާ ދިމާކޮށް ބޭނުންވާ ވަރަށްވުރެ އިތުރަށް ކުންފުނިތަކަށް މުވައްޒަފުން ނަގާފައިވުން ހިމެނެއެވެ. އޭގެ ސަބަބުން އެއްވެސް މަސައްކަތެއް ނެތި ބޮޑެތި މުސާރަތައް ދޭންޖެހި، ކުންފުނިތަކަށް ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާތީ މިކަން އިސްލާޙުކުރުމަށް ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

މިއަދު އޮންލައިން