ރީ-އެމްޕްލޯއިމަންޓް ޤާނޫނުގެ ދަށުން އެމްއެމްއޭގައި ވަޒީފާ ދިނުމުގެ ގަވާއިދު އާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ރީ-އެމްޕްލޯއިމަންޓް ޤާނޫނުގެ ދަށުން އެމްއެމްއޭގައި ވަޒީފާ ދިނުމުގެ ގަވާއިދު އާންމުކޮށްފި

މިއަހަރު އަމަލުކުރަން ފެށި ރީ-އެމްޕްލޯއިމަންޓް ޤާނޫނުގެ ދަށުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އަލުން ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު އެ އިދާރާއިން އާންމުކޮށްފިއެވެ.

މި ގަވާއިދުގައިވާ ގޮތުން، އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންނަށް އެމްއެމްއޭގައި ވަޒީފާ ހަމަޖައްސައިދޭނީ 12 މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުން، އަހަރުން އަހަރަށް އެއްބަސްވުން އައުކުރާ ގޮތަށެވެ. އަދި އަލުން ވަޒީފާ ހަމަޖައްސައިދެވޭނީ އުމުރުން 75 އަހަރު ފުރުމާ ދެމެދު މަދުވެގެން 13 މަސްދުވަސް ބާކީ އޮތް ފަރާތްތަކަށެވެ.

ދާއިމީ މުވައްޒަފުން: ވަޒީފާގައި ދެމިހުންނަން އެދޭނަމަ، އުމުރުން 65 އަހަރު ފުރުމުގެ 6 މަސްދުވަސް ކުރިން އެކަމަށް ހުށަހަޅަންޖެހޭނެއެވެ.

ރިޓަޔާވެފައިވާ މުވައްޒަފުން: ޕެންޝަން ހައްގުވާ އުމުރު ހަމަވެގެން ވަކިވެފައިވާ ފަރާތްތަކުގެ ތެރެއިން، ގަވާއިދަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އެދޭ ފަރާތްތަކަށް އަލުން ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

މަގާމާއި މުސާރައަށް އަންނާނެ ބަދަލު: ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދޭއިރު، ކުރިން ހުރި މަގާމު ނުވަތަ އެހެން މަގާމެއްވެސް ދެވިދާނެއެވެ. މީގެ އިތުރުން، ކުރިން އަދާކުރި މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލުުގެނެސް، މުސާރައާއި އިނާޔަތްތަކަށް ބަދަލުުގެނެސްގެންވެސް ވަޒީފާ ހަމަޖެއްސުމުގެ އިޚްތިޔާރު ގަވާއިދުން ލިބިދެއެވެ.

މި އުސޫލުން އަލުން ވަޒީފާއަށް ވަންނަ މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުގެ މިންގަނޑުތަކާ އެއްގޮތަށް އެމްއެމްއޭގެ ގަވަރުނަރެވެ. އަދި އަލުން ވަޒީފާ ހަމަޖެހުމަށްފަހު ވަޒީފާއިން ވަކިވާން ބޭނުންނަމަ 21 ދުވަހުގެ ނޯޓިސެއް ދޭންޖެހޭނެ ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

މިއަދު އޮންލައިން