ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން އެމީހުންގެ ބިންތަކުން ގަދަކަމުން ނެރެ، ބޭރުކޮށްލުމަށް އިސްރާއީލުގެ ވަޒީރުން ގޮވާލި ގޮވާލުމާއި، އެކަމަށް ރޭވުންތައް އެކުލަވައިލުމަށް ހުށަހެޅި ހުށަހެޅުންތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުން ހާމަކުރި ގޮތުގައި، މިފަދަ ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެކެވެ. އަދި މިއީ އެ ސަރަޙައްދުގައި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އެއްވެސް ބަހަނާއެއްގެ ދަށުން، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ނުވަތަ އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކުން ބޭރުކޮށްލުމަށް ކުރާ އެންމެހައި މަސައްކަތްތައް ދިވެހިރާއްޖެއިން ވަނީ ދެކޮޅު ހަދާފައެވެ. ޣައްޒާއަކީ ފަލަސްޠީނުގެ ވަކިނުކުރެވޭނެ ބައެއްކަން ފާހަގަކޮށް، އަމިއްލަ ބިމުގައި ދިރިއުޅުމާއި އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤު ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާކަން ރާއްޖެއިން ވަނީ ހަނދާންކޮށްދީފައެވެ.
ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ބޭރުކުރުން ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އދ. ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ތާޢީދުކުރާނެ ކަމަށް ވަނީ ތަކުރާރުކޮށްފައެވެ.