ސިނަމާލެ ބްރިޖް ހުޅުވުމަށް ހައުސިން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތަށް ދައުލަތުގެ ބަޖެޓުން މިލިއަނުން ފައިސާ ހަރަދުކުރިކުރިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުތަކުގެ އިންތިޒާމްތައް ހަމަޖެއްސުން ސްޓްރާޑާއާ ހަވާލުކޮށް، އެ ކުންފުންޏަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން މިލިއަނުން ފައިސާ ދީފައިވާ ކަން ހާމަވާ ލިއުންތަކެއް އާއްމުވުމާއިގުޅިގެންނެވެ.
އެ ލިޔުންތަކުގައިވާ ގޮތުން، އެ ރަސްމިއްޔާތުގައި ބޭއްވި ހަވާ އެރުވުމުގެ ހަރަކާތަށް ތިން މިލިޔަން ރުފިޔާ އަށް ވުރެ ގިނައިން އަދި ލައިޓިން އާއި ސައުންޑް ހެދުމަށް ހަތަރު މިލިޔަން ރުފިޔާ އަށް ވުރެ ގިނައިން ހަރަދު ކުރި އެވެ. އޭގެ އިތުރުން ލައިޓިން އާއި ސައުންޑް އަދި ކަލްޗަރަލް ހަރަކާތްތަކަށް ބޭނުންވާ ސާމާނު ކުއްޔަށް ހިފުމާއި އެ ތަކެތި ރާއްޖެ އަށް ގެނައުމަށް 11 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރި އެވެ.
ހަވާ އެރުވުމަށް ބޭނުންވާ ސާމާނު ގަނެ، އެ ތަކެތި ޑެލިވަރީ ކުރުމަށް ދެ މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު އެއްޗެއް ހަރަދުވި އެވެ. އަދި އޭގެ އިތުރުން އެ ރަސްމިއްޔާތަށް ބޭނުންވާ ބައެއް އެހެނިހެން ސާމާނުތައް އޮސްޓްރޭލިޔާ އާއި ދުބާއީ އަދި އެމެރިކާގެ އިތުރުން ސައުދީ އަރަބިއްޔާ އިން އެއާ ފްރައިޓް ކޮށްގެން ގެނައުމަށް ވެސް ވަނީ ދެ މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު އެއްޗެއް ހަރަދުކޮށްފަ އެވެ. ހަވާ އެރުވުމަށް ބޭނުންވާ ސާމާނުތައް ރާއްޖެ ގެނައީ ޚާއްސަ ފްލައިޓެއް ޗާޓަރު ކޮށްގެންނެވެ. އެ ފްލައިޓް ޗާޓަރު ކުރުމަށް ހައުސިން މިނިސްޓްރީން ވަނީ ހަ މިލިޔަން ރުފިޔާ އަށް ވުރެ ގިނަ އިން ހަރަދު ކޮށްފަ އެވެ. އަދި ހަވާ އެރުވުމުގެ އިތުރުން ލޭޒާ ޝޯ ކުރިއަށް ގެންދިއުމަށް ހަތް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރި އެވެ.
މީގެއިތުރުން އެސްޓީއޯ އިން ހާބަރުގައި ހެދި ފުޓްކޯޓްތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓްރާޑާ އިން ކޮށްދިން މަސައްކަތަށް ވެސް ހައުސިން މިނިސްޓްރީގެ ބަޖެޓުން ވަނީ ބޮޑު އަދަދެއް ހޭދަކޮށްފަ އެވެ. މީގެއިތުރުން، ރިޔާސީ އިންތިޚާބުގެ ކެމްޕޭނާ ދިމާކޮށް، ރައީސް ޔާމީން ބަނދަރުތައް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގެ ބައެއް މަސައްކަތްތައް ސްޓްރާޑާއާ ހަވާލުކޮށް ފައިސާ ދޫކޮށްފައިވެ އެވެ.
ސްޓްރާޑާ ކުންފުންޏަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.