ލައިލަތުލްޤަދްރިވިލޭރެއަކީ ކޮން ރެއެއް؟
އެ ރޭގެ މާތްކަމާ ބެހޭގޮތުން އަދި އެރޭ ހޯދުމަށް މަސައްކަތްކުރުމަށް ބާރު އަޅުއްވާފައިވާ ވަރަށްގިނަ ޙަދީޘްތައް ވާރިދުވެފައި ވެއެވެ. އެހެނަސް އެއިން އެއްވެސް ޙަދީޘެއްގައި އެއީ ކަނޑައެޅިގެން ކޮން ރެއެއްކަން ބަޔާންކުރައްވާފައި ނުވެއެވެ. ފަހެ ކީރިތި ޤުރުއާނުގެ އިސްވެދިޔަ އާޔަތްތަކުންނާ އަދި އަންނަނިވި ޙަދީޘްތަކުން އެނގެނީ އެއީ :
· ރަމަޟާން މަހުގެ ރެއެއްކަން
· އެރޭ ވަނީ ރަމަޟާންމަހުގެ ފަހުދިހައިގަ ކަން.
· ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަ، އާއި އެކަލޭގެފާނު އަޞްޙާބު ބޭކަލުންގެ ދުވަސްވަރުގައިވެސް އެކި އަހަރުތަކުގައި އެރޭ އައިސްފައިވަނީ އެކި ރޭތަކުގައިކަން.
· އެރޭ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ( odd) ރޭތަކުގައި ވެދާނެކަން.
· އެރޭ ރަމަޟާންމަހުގެ ފަހު ދިހައިގެ ހިރި (even) ރޭތަކުގައިވެސް ވެދާނެ ކަން.
މިކަމުގެ ދަލީކުތައް:
· އެރޭ ވަނީ ރަމަޟާންމަހުގައި ކަން އަދި އެއީ ރަމަޟާންމަހުގެ ފަހުދިހައިގެ ރެއެއްގައިކަން."
ފުރަތަމަ ޙަދީޘަކީ:
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
މާނައީ: " ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތް ކުރާށެވެ."
ދެވަނަ ޙަދީޘަކީ:
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޟާންމަހުގެ ފުރަތަމަ ދިހައިގައި އަދި މެދު ދިހައިގައިވެސް އިޢުތިކާފަށް އިންނެވިއެވެ. އެއަށްފަހުގައި ލައިލަތުލް ޤަދްރިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގައިކަން އެކަލޭގެފާނަށް އެނގިވަޑައިގެންނެވުމުން، އެކަލޭގެފާނު ދެން އިޢުތިކާފުކުރައްވަނީ ކޮންމެ އަހަރެއްގެވެސް ފަހު ދިހައިގައެވެ.
އަދިވެސް މި މާނައިގައި އެހެން ޙަދީޘްތައްވެސް ވާރިދުވެފައި ވެއެވެ.
· ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޞަޙާބީ ބޭކަލުންގެ ދުވަސްވަރުގައިވެސް އެކި އަހަރުތަކުގައި އެ ރޭ އައިސފައިވަނީ އެކި ރޭތަކުގައިކަން.
21 ވިލޭރޭ
އަބޫ ސަޢީދު އަލްޚުދްރީ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
"ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޟާންމަހުގެ ފުރަތަމަ ދިހައިގައި އިޢުތިކާފަށް އިންނެވިއެވެ. ދެން އެއަށްފަހު މެދު ދިހައިގައި އިޢުތިކާފަށް އިންނެވިއެވެ. އެކަލޭގެފާނު އިންނެވީ ކެހެރިން ހަދާފައިވާ ކުޑަ ފޭލިގެއެއްގެ ތެރޭގައެވެ. އޭގެ ދޮރުގައިވަނީ ކުނަލެކެވެ."
(އަބޫ ސަޢީދު އަލްޚުދްރީ) ވިދާޅުވިއެވެ. " ފަހެ އެކަލޭގެފާނު އެކުނާ ނަންގަވާފައި ފޭލިގޭގެ އެއްފަރާތަށް އެ ޖެއްސެވިއެވެ. ދެން އެކަލޭގެފާނުގެ ބޯފުޅު ނެރުއްވާ މީސްތަކުންނާ ވާހަކަ ދެއްކެވިއެވެ. ފަހެ އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އައެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
މާނައީ: "ހަމަކަށަވަރުން މިރޭ (އެބަހީ: ލައިލަތުލް ޤަދްރި) ހޯއްދެވުމަށްޓަކައި ފުރަތަމަ ދިހައިގައި ތިމަންކަލޭގެފާނު އިޢުތިކާފަށް އިންނެވީމެވެ. ދެން މެދު ދިހައިގައި އިޢުތިކާފަށް އިންނެވީމެވެ. ދެން (ޖިބުރީލުގެފާނު) ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. ފަހެ ތިމަންކަލޭގެފާނަށް ދެންނެވުނެވެ. "ހަމަކަށަވަރުން އެ ރޭ (އެބަހީ: ލައިލަތުލް ޤަދްރި) ވަނީ ފަހު ދިހައިގައެވެ. ފަހެ އިޢުތިކާފަށް އިނުމަށް ބޭނުންވާ މީހަކު އިޢުތިކާފަށް އިންނާށެވެ."
ފަހެ މީސްތަކުން އެކަލޭގެފާނާއެކު އިޢުތިކާފަށް ތިއްބެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
--" ތިމަންކަލޭގެފާނަށް އެރޭ ދެއްކެވުނީ އޮނަހިރި ރެއެއްގައި ފެނުން ތެއްވެފައިވާ ވެލީގައި އެރޭ ފަތިހު ތިމަންކަލޭގެފާނު ސަޖިދަ ކުރައްވަނިކޮށެވެ." ފަހެ 21 ވިލޭރޭ އެކަލޭގެފާނު ފަތިސް ނަމާދަށް ތެދުވެވަޑައިގެންނެވިއެވެ. ފަހެ (އެ ރޭ) ވާރޭ ވެހި މިސްކިތުގެ ތެރެއަށް ފެން ފޭބިއެވެ. އަދި ފެނުން ތެއްވެފައިވާ ވެލި ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ. ފަހެ ފަތިސްނަމާދު ނިމުމުން އެކަލޭގެފާނު ނުކުމެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ނިއްކުރިފުޅާއި ނޭފަތްފުޅުގައި ފެނާއި ވެލީގެ އަސަރު ހުއްޓެވެ. އެއީ ފަހު ދިހައިގެ 21ވިލޭރެއެވެ."
23 ވިލޭރޭ
ޢަބްދުﷲ ބުން އުނައިސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
މާނައީ: " ތިމަންކަލޭގެފާނަށް ލައިލަތުލް ޤަދްރި ދެއްކެވުނެވެ. އަދި އެއަށްފަހު ހަނދުމަ ނެތިކުރެއްވުނެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ފެނާއި، ފެނުން ތެއްވެފައިވާ ވެލީގައި އެރޭ ފަތިހު ތިމަންކަލޭގެފާނު ސަޖިދަ ކުރައްވަނިކޮށެވެ."
އެކަލޭގެފާނު ވިދާޅުވިއެވެ. " ފަހެ 23 ވިލޭރޭ ވާރޭ ވެހުނެވެ.ފަހެ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންބޭކަލުންނާއެކު ނަމާދު ކުރެއްވިއެވެ. (ނަމާދުކޮށް ނިމުނުއިރު) ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނިއްކުރިފުޅާއި ނޭފަތްފުޅުގައި ފެނާއި ތެއްވެފައިވާ ވެލީގެ އަޘަރު ހުއްޓެވެ.
ޢަބްދުﷲ ބުން އުނައިސް ވިދާޅުވިއެވެ. (އެއީ) 23 ވިލޭރެއެވެ."
27 ވިލޭރޭ
ޒިއްރު ބުން ޙުބައިޝް ރަޙިމަހުﷲ ވިދާޅުވިއެވެ.
" މުޅި އަހަރު ދުވަހު ރޭ އަޅުކަން ކުރި މީހަކަށް ލައިލަތުލް ޤަދްރި ލިބޭނެކަމަށް އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވާތީ، އެކަމާ ބެހޭގޮތުން އުބައްޔި ބުން ކަޢުބު ރަޟިޔަﷲ ޢަންހުގެ އަރިހުގައި ތިމަން ސުވާލު ދެންނެވީމެވެ."
އެކަލޭގެފާނު ވިދާޅުވިއެވެ.
"އެކަލޭގެފާނު އެހެން އެ ވިދާޅުވީ (މީސްތަކުންނަށް އެ ދުވަސް އެނގިއްޖެނަމަ ހަމައެކަނި އެދުވަހުގައި އަޅުކަންކޮށް އެހެން ދުވަސްތަކުގައި ) ފަރުވާ ކުޑަކޮށްފާނެތީއެވެ. އެއީ ރަމަޟާންމަހުގެ ރެއެއްކަން އެކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އަދި އެއީ ފަހު ދިހައިގެ ރެއެއްކަންވެސް އެކަލޭގެފާނަށް އެނގިވަޑައިގަންނަވާނެއެވެ. އަދި އެއީ 27 ވިލޭރޭކަންވެސް އެކަލޭގެފާނަށް އެނގިވަޑައިގަންނަވާނެއެވެ."
ދެން އެއަށްފަހުގައި އެއްވެސް އިސްތިޘްނާއެއް ނުކުރައްވާ ( އެބަހީ: ان شاء الله ވެސް ވިދާޅުނުވެ) ހުވާ ކުރައްވާފައި އެކަލޭގެފާނު ވިދާޅުވިއެވެ.
" ހަމަކަށަވަރުން އެއީ 27 ވިލޭރެއެވެ."
ފަހެ ތިމަން ދެންނެވީމެވެ.
" އޭ އަބޫ މުންޛިރެވެ! ކަލޭގެފާނު ތިޔަ ފަދައިން ތިޔަ ވިދާޅުވަނީ ކީއްވެގެން ހެއްޔެވެ؟"
އެކަލޭގެފާނު ވިދާޅުވިއެވެ.
" އެރޭގެ ޢަލާމާތުންނެވެ. ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރު ދެއްވާފައިވާ ގޮތުގައި އެރޭ އިރު އަރައިގެން އަންނައިރު ދޯދި ނުހުންނާނެއެވެ." (رواه مسلم)
ފަހު ދިހައިގެ އޮނަހިރި (odd) ރޭތައް:
ނަބިއްޔާ ޞައްލަﷲ ޢަލއިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
--
މާނައީ؛ "ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުން ޤަދްރި ހޯދުމަށް މަސައްކަތް ކުރާށެވެ."
ފަހު ދިހައިގެ ހިރި (even) ރޭތައް
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.\\
--
މާނައީ: " ރަމަޟާން މަހުގެ ފަހު ދިހައިގައި އެ ރޭ ހޯދާށެވެ. އެއީ (ރަމަޟާން މަސް) ނިމެން ނުވަރޭ އޮއްވާ، (ނުވަތަ) ހަތްރޭ އޮއްވާ، (ނުވަތަ) ފަސް ރޭ އޮއްވައެވެ."
މި ރިވާޔަތަށް ބަލާއިރު 30 ދުވަސް ފުރިހަމަވާ ރަމަޟާން މަހަކާއި 29 ދުވަސް ފުރިހަމަވާ ރަމަޟާން މަހެއްގައި މި ރޭތައް ތަފާތުވާނެއެވެ. އެހެނީ މި ރިވާޔަތުގައި މި ވަނީ :"(ރަމަޟާން މަސް) ނިމެން ނުވަރޭ އޮއްވާ، (ނުވަތަ) ހަތް ރޭ އޮއްވާ، (ނުވަތަ) ފަސް ރޭ އޮއްވާ" މިފަދައިންނެވެ.
· 30 ދުވަސް ފުރިހަމަވާ ރަމަޟާން މަހެއްގައި އެއީ: 22 ވިލޭރެއާއި 24 ވިލޭރެއާއި 26 ވިލޭރެއެވެ.
· 30 ދުވަސް ހަމަނުވާ ރަމަޟާން މަހެއްގައި އެއީ: 21 ވިލޭރެއާއި 23 ވިލޭރެއާއި 25 ވިލޭރެއެވެ."
މަޢުލޫމާތު: ދިސަލަފިއްޔާގެ ފޮތަކުން
ލިޔުމުގެ އިތުރު ބައިތައް: