ފަހު ދިހަ ގާތްވަނީ!- 5: ލައިލަތުލް ޤަދްރީގެ ޢަލާމާތާ ކުރަންވީ އަޅުކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ފަހު ދިހަ ގާތްވަނީ!- 5: ލައިލަތުލް ޤަދްރީގެ ޢަލާމާތާ ކުރަންވީ އަޅުކަން-

ލައިލަތުލް ޤަދްރީގެ ޢަލާމާތަކީ ކޮބާ؟

އެރޭގެ ޢަލާމާތްތަކުގެ ތރެއިން އެންމެ ޞައްޙަ ޢަލާމާތަކީ އެރެއަށް ފަހު އިރު އަރާއިރުގައި ސާފުކޮށް، އެއްވެސް ދޯދިއެއް ނެތި އިރު އެރުމެވެ.

ލައިލަތުލް ޤަދްރީގައި ކުރަންވީ ކޮން އަޅުކަމެއް؟ 

ފުރަތަމައީ: ރޭ އަޅުކަން

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

(ހަދީޘް)

މާނައީ: " އަދި އީމާންކަމާއެކު، ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދި ހުރެ ލައިލަތުލް ޤަދްރީގައި ރޭއަޅުކަން ކޮށްފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާ ދެއްވާނެއެވެ." 

ދެވަނައީ: އިޢުތިކާފަށް އިނުން

ލައިލަތުލް ޤަދްރީގެ ޘަވާބު ޙާޞިލު ކުރެއްވުމަށްޓަކައި އަދި އެރޭ އަޅުކަމުގައި ހޭދަ ކުރެއްވުމަށްޓަކައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފަހު ދިހައިގެ ރޭތަކުގައ އިޢުތިކާފަށް އިންނެވިއެވެ. 

ތިންވަނައީ: އެންމެހާ ހެޔޮ ޢަމަލުތަކެއް

އެ ރޭގައި ކުރާ ހެޔޮ ޢަމަލުތައް އެއްހާސް މައްސަރުގެ ހެޔޮކަމަށްވުރެ ހެޔޮވެގެންވާތީ އެރޭ ކީރިތި ޤުރުއާން ކިޔެވުމާއި ޛިކުރު ކުރުމާއި އަދި އެނޫނަސް ހެޔޮ ޢަމަލުތައް ވީހާވެސް ގިނައިން ކުރުން އެދެވިގެންވެއެވެ.

ލައިލަތުލް ޤަދްރީގައި ކުރަންވީ ކޮން ދުޢާއެއް؟ 

ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން ރިވާވެގެން އައިސްފައި ވެއެވެ. ލައިލަތުލް ޤަދްރީގައި ކުރަންވީ ދުޢާއަކާ ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާ ސުވާލު ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

" ކަމަނާ ވިދާޅުވާށެވެ.

( ދުޢާ)

މާނައީ: " އޭ ﷲ! އިބައިލާހީ ގިނަގިނައިން ޢަފޫ ކުރައްވާ، ޢަފޫ ކުރެއްވުމަށް ލޯބި ކުރައްވާ އިލާހެވެ. ފަހެ މި އަޅާއަށް ޢަފޫ ކުރައްވާނދޭވެ!"

ނިންމުން 

އެ ރެއަކީ ކޮން ރެއެއްކަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ހަނދުމަނެތި ކުރެއްވުމުގެ ޙިކުމަތަކީ ފަހު ދިހައިގެ ހުރިހާ ރެއެއްގައިވެސް މީސްތަކުން ގަދައަޅާ މަސައްކަތް ކުރުމެވެ. 

އަލްޙަފިޘު އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވިއެވެ.

" ލައިލަތުލް ޤަދްރި ވަންހަނާ ކުރެއްވުމުގެ ޙިކުމަތަކީ އެރޭ ޙާޞިލް ކުރުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. އެއާ ޚިލާފަށް އެރޭ ކަނަޑައެޅިގެން އެނގޭނަމަ (މީސްތަކުން) ހަމައެކަނި އެރެއިން ފުއްދާލީހެވެ."

އަދި މީސްތަކުން އެ ދުވަހަށް މާބޮޑަށް ބަރޯސާ ވެދާނެކަމަށް ބިރުފުޅު ގަތުމުން، އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައި ވަނީ އަހަރުގެ ހުރިހާ ރެއެއްގައި ރޭ އަޅުކަން ކުރި މީހަކަށް އެ ރޭ ލިބޭނެ ކަމަށެވެ. އަދި ލައިލަތުލް ޤަދްރިއާ ބެހޭގޮތުން ވާރިދު ވެފައިވާ އެންމެ ޞައްޙަ ޢަލާމާތަކީ އެ ރެއަށް ފަހު އިރު އަރާއިރު އިރުގެ ދޯދި ނެތުމެވެ. އެކަންވެސް ފެންނާނީ އެރޭ ފާއިތު ވުމުންނެވެ. މި ހުރިހާ ކަމަކުން އެނގެނީ ފަހު ދިހައިގެ އެއްވެސް ރެއެއް ފަރުވާ ކުޑަ ކުރުމެއް ނެތި އެރޭ ހޯދަން މަސައްކަތް ކުރުމުގެ މުހިންމުކަމެވެ. 

ދުޢާއަކީ ﷲ ތަޢާލާ އަޅަމެން އެންމެންނަށްވެސް އެ ރޭގައި އެ އިލާހު ރުއްސަވާ ފަދައިން އަޅުކަން ކުރުމުގެ ތަޢުފީޤު ދެއްވައި އަޅަމެން އެންމެންގެ ޢަމަލުތައް ޤަބޫލު ކުރެއްވުމެވެ. އާމީން! 

- މަޢުލޫމާތު: ދިސަލަފިއްޔާގެ ފޮތަކުން

ލިޔުމުގެ އިތުރު ބައިތައް:

ފަހު ދިހަ ގާތްވަނީ!- (1):

ފަހު ދިހަ ގާތްވަނީ!- (2):

ފަހު ދިހަ ގާތްވަނީ!- (3):

ފަހު ދިހަ ގާތްވަނީ!- (4):

 

 

މިއަދު އޮންލައިން