ހެނދުނު ހޭލާ ގޮތަށް ސިގިރެޓު ރޯކޮށްލާ މީހުންނަށްއޮތް ބިރުވެރިކަން މާބޮޑެވެ.
ހެނދުނު، އެނދުން ތެދުވުމަށްފަހު ސިގިރެޓްބޯ ގިނަ މީހުންނަށް އެންމެ ފުރަތަމަ ވެސް ބަލާލެވެނީ ސިގިރެޓު ފޮށްޓާއި ލައިޓަރާ ދިމާއަށެވެ.
ފޮށިތެރެއިން ސިގިރެޓު ނަގާ ރޯކޮށްލުމަށްފަހު ދެތިން ފަހަރަކު ދަމާލުމުން އެ ލިބޭ ހިތް ހަމަޖެހުން އެއީ ހަމަ ވަގުތީ ހިތްހަމަ ޖެހުމެކެވެ. އަނގައިގެ ތެރެއަށް ދަމާލާ ދުންތައް ބޭރަށް ދޫކޮށްލުމުން އެ ހިސާބުން ހުރިހާ ދުންތަކެއް ބޭރުވި ކަމަށް ހީކުރާ ހީކުރުމަކީ ހަމަ ކުށްހީ އެކެވެ.
ދިރާސާ ތަކުން ދައްކާ ގޮތުގައި ހެނދުނު ހޭލާގޮތަށް ސިގިރެޓު ބޮއި އުޅޭ މީހުންގެ ފުއްޕާމެއަށާއި ބޮލަށާއި ކަނދުރާއަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.
"ޖާރނަލް އޮފް ކެންސަރ" ގައި ވާ ގޮތުން މިގޮތަށް ސިނގިރެޓު ބޯމީހުންގެ ހަށިގަނޑުގައި "ނިކޮޓިން" އާއި ދުންފަތުގައި ހިމެނޭ އެހެނިހެން ވިހަ މާއްދާތައް ދައުރުވާ މިންވަރު އިތުރުވެއެވެ. އެހެންކަމުން އެހެނިހެން ގަޑިތަކުގައި ސިނގިރެޓު ބޮއި އުޅޭ މީހުންނަށް ވުރެން ހުސްބަނޑާހުރެ ސިނގިރެޓު ބޯ މީހާ ސިނގިރެޓު ބުއިމަށް ދެވިހިފާލެއް މާބޮޑެވެ.
"ޖާރނަލް އޮފް ކެންސަރ" ގައި ވާ މި ލިޔުން ލިޔުނު ލިޔުންތެރިއާ ކަމަށްވާ ޕެން ސްޓޭޓް ކޮލެޖް އޮފް މެޑިސިންގައި ދިރާސާ ކުރައްވާ ޖޮޝުއާ މަސްކަޓް ބުނެފައިވާ ގޮތުގައި ހާ ބަނޑާ ހުރެ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިގިރެޓު ބުއިން ވާރުތަކުރުވާ ކަމެކެވެ. ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހާގެ ހަށިގަނޑުގައި ނިކޮޓިން ލެވެލް ދައުރުވާ މިންވަރު މަތިވުމެވެ.
އެޖާނަލްގައި ބުނެފައިވާ ގޮތުން މި ދިރާސާ ކުރުމަށްޓަކައި ދުންފަތުގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ޖެހިފައި ތިބި ހަތަރުހާސް ހަތްސަތޭކަ ހައްދިހަ ފަސް މީހުންނާއި، ދުންފަތުގެ އިސްތިއުމާލު ކުރިނަމަވެސް އެމީހުންގެ ހަށިގަނޑުން ކެންސަރުގެ އަލާމާތް ފެންނަންނެތް ދެހާސް އަށް ސަތޭކަ ތިރީސް ފަސް މީހުން ބޭނުން ކޮށްފައިވެއެވެ.
އެ ދިރާސާގެ ނަތީޖާ ދެއްކި ގޮތުން، ހެނދުނު ހޭލުމަށްފަހު ތިރީސް އެއް މިނިޓު ނުވަތަ ފަސްދޮޅަސް މިނިޓު ފަހުން ސިގިރެޓު ބުއި މީހުން ނަށް ފުއްޕާ މޭގެ ކެންސަރު ޖެހުމުގެ ފުރުސަތު، ހެނދުނު ހޭލުމަށްފަހު އެއްގަޑި އިރު ފަހުން ސިނގިރެޓު ބޭނުން ކުރި މީހުން ނަށް ވުރެ 1.3 ގުނަ އިތުރެވެ.
އަދި ހަމަ އެއާއެކު ހޭލާގޮތަށް ސިނގިރެޓު ބުއި މީހުންނަށް ފުއްޕާ މޭގެ ކެންސަރު ޖެހުން 1.79 ގުނަ އިތުރެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން އޭގެ ގެއްލުން ލިބޭފަރާތަކީ ހަމަ އެކަނި ތިމާއެއް ނޫނެވެ.
މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރާ އަންހެނާ އޭނާގެ ބަނޑުގައި އުފެދިގެން އަންނަ ތުއްތު ދަރިފުޅަށް އެ ދެނީ ގެއްލުމެވެ.
ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ ބައްޕަ އޭނާގެ އާއިލާ އެވައްޓާލަނީ ނާމާން މާހައުލަކަށެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާ ރައްޓެހިންތަކެއްގެ ތެރޭ ހުރެގެން ތިމާ ސިގިރެޓުން ދޫކޮށްލާ ދުމުގެ އަސަރުން ތިމާގެ ރައްޓެހިންނަށް އެދެވެނީ ކޮންފަދަ އަނިޔާއެއް ކަމެއް ނޭނގެއެވެ.
ސިގިރެޓު ހުލިވެގެން ދާ ކޮންމެ ފަހަރަކު އެ ހުލިވަނީ ހަމަ އެކަނި އެ ސިގިރެޓެއް ނޫނެވެ. އެހެނެއް ކަމަކު ތިމާ އަތުން ބޭކާރު ގޮތެއްގައި ގިނަ ލާރިތައް ހުސްކޮށްލައި ތިމާގެ އުމުރުން އުފާވެރި އެތައް ވަގުތު ކޮޅެއް ހުލިކޮށްލައެވެ. އެހެންކަމުން ދުންފަތަކީ ހަތުރެއް ކަމަށްދެކީ އެއާ ދުރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.