ދަރިން ފަލަވުމުގަ ބެލެނިވެރިންގެ އިހްމާލް ބޮޑު- ރަނގަޅުކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ދަރިން ފަލަވުމުގަ ބެލެނިވެރިންގެ އިހްމާލް ބޮޑު- ރަނގަޅުކޮށްލަމާ!
ކުޑަކުދިން ފަލަވާ ސަބަބުތަކުގެ ގޮތުގައި ޑޮކްޓަރުން 7 ކަމެއް ފާހަގަކޮށްފައިވާއިރު އެއިގެ ތެރޭގައި މައިންބަފައިންގެ އިހްމާލުން މެދުވެރިވާ ސަބަބުތައް ގިނަކަމަށް ދައްކައިފިއެވެ. ރަނގަޅުކޮށްލަމާތޯއެވެ!



ދަރިން ފަލަވާ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ މައިންބަފައިން ހަށިގަނޑަށް ފައިދާ ހުރި ފެހިކާނާގެ ބާވަތްތައް ކެއުމަށްފަހު ދަރިންނަށް ތެލުލި ސަމާނު ކާން ދިނުމުގެ މައްސަލައެވެ. "އެގޮތުން ފްރައިޑް ޗިކަން، ތަފާތު ބަރގަރތައް ފަދަ ކުޑަކުދިން ގިނައިން ކާހިތްވާ ބާވަތްތައް ކާންދެނީ. ކުދިންނަށް އެފަދަ ތަކެތި ދިނީމާ ހަށިގަނޑަށް ސަރުބީ އުފެދޭ މާއްދާތައް އެތެރެވަނީ ވަކި ވަރަކަށް ނޫން. ކުދިން ކަނީވެސް ވަކިވަރަކަށް ނޫން. މިއީ ހަމަ ބޮޑަށް ފަލަވާ ސަބަބެއް."

ދެވަނައަށް ފާހަގަކޮށްފައިވަނީ ސްކޫލް ކެންޓީނުތަކުން ޕިއްޒާ އާއި އެނޫންވެސް ސަރުބީ ގިނަ ބާވަތްތަކާއި ހަކުރު ގިނަ ބުއިންތައް ވިއްކާ ކަމެވެ. އެހެންކަމުން އެތަކެތި ގަނެގެން ކާނެ ފައިސާ ދިނުމުގެ ބަދަލުގައި ޞިއްޙަތަށް ފައިދާހުރި ރަނގަޅު ކާނާގެ ބާވަތްތައް ގެއިން ހަދަައި ކުދިންނަށް ގެންދަން ނުދޭ ކަމެވެ.



3 ވަނައަށް ފާހަގަކޮށްފައިވަނީ ނިދުމުގެ މައްސަލައެވެ. "ކުދިންނަށް އުމުރާ ގުޅޭގޮތުން 10 ގަޑިއިރު ވަރު ނިދަންޖެހޭނެ. އެކަމަށް މައިން ބަފައިން ވަގުތު ހޯދައިދޭންޖެހޭނެ. ގޭތެރޭގެ ކަންކަން ވަގުތު ލިބޭނެ ގޮތަށް ބައްޓަންކުރަންޖެހޭނެ. ފަސޭހައިން ނިދޭނެ މާހައުލެއް ޤާއިމުކޮށްދޭންޖެހޭނެ."



4 ވަނައަށް ފާހަގަކޮށްފައިވަނީ ކަސްރަތުކުރުމުގެ މައްސަލައެވެ. "ރިސަރޗުން އެނގެނީ ކަސްރަތުކުރާ ކުދިންނަށްވުރެ ކަސްރަތު ނުކުރާ ކުދިން އިމްތިހާންތަކުން ފެއިލްވާ މިންވަރު އިތުރުކަން. ލިބޭ ނަތިޖާ ދަށްކަން. އެހެންވީމާ މައިންގެ ބަފައިންގެ މަސްއޫލިއްޔަތެއް ކުދިން ގިވައިގެން ހިނގާ ކަސްރަތުކުރުވުމަކީ."

5 ވަނައަށް ފާހަގަކޮށްފައިވަނީ ކުދިން ޓީވީ ބެލުމަށާއި ގޭމް ކުޅުމަށް ގިނަ ވަގުތު ޓީވީ ކުރިމަތީގައި އިށީނދެ ތިބޭ މައްސަލައެވެ. ދިރާސާގައި ބުނެފައިވަނީ ޓީވީ ކުރިިމަތީގައި ދުވާލަކު 2 ގަޑިއިރަސްވުރެ ގިނަ އިރު ބޭތިއްބުމަކީ ކުދިން ފަލަވާ އަދި އެހެންވެސް މައްސަލަތައް ކުރިމަތިވާ ކަމެއް ކަމަށެވެ.



6 ވަނައަށް ފާހަގަކޮށްފައިވަނީ ބާޒާރުކުރަން ދާއިރު ކުދިން ގެންދަން ޖެހޭނެ ކަމަށެވެ. ކާތަކެތި ގަންނައިރު ކުދިންނަށް ލޭބަލް ދައްކައި އެއިން ހަށިގަނޑަށް ލިބޭނެ ފައިދާ ބުނެދިނުމުގެ މުހިންމު ކަމެވެ. އެއިރުން ކުދިން އެފަދަ ތަކެތި ކެއުމަށް އިތުރަށް ޝައުޤުވެރިވާނެ ކަމަށް ދިރާސާގައި ބުނެއެވެ.

7 ވަނައަށް ބުނެފައިވަނީ ކުދިންނަށް އިނާމުގެ ގޮތުގައި ޢާންމު ކެއުމުގެ ބޭރުން ކާތެކެތި ނުދިނުމަށެވެ. ކާތަކެއްޗަކީ އިނާމެއް ނޫން ކަމަށާއި އިނާމުގެ ގޮތުގައި ކާތަކެތި ދިނުމުގެ ބަދަލުގައި ބޭނުންކުރެވޭނެ ރަނގަޅު ހަދިޔާއެއް ދިނުމަށެވެ.

މިކަންކަމަކީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ހުރި މައްސަލަތަކެވެ. އެހެންކަމުން މިކަންކަމަށް މައިން ބަފައިންގެ ސަމާލުކަން އިތުރުކުރުން މުހިންމު ކަމަށް ފެނެއެވެ.
މިއަދު އޮންލައިން