ހެނދުނުގެ ނާސްތާއަކީ ކޮންމެ މީހަކަށް ވެސް ވަރަށް މުހިންމު އެއްޗެކެވެ.
އެއީ ހެނދުނުގެ ނާސްތާއަކީ ދުވަހުގެ ފެށުން ކަމުގައިވެފައި، މުޅި ދުވަހު ދެން ކުރަން ހުންނަ ހުރިހާ ކަމެއްވެސް ކުރަން އެންމެ ބޮޑަށް ހަކަތަ ލިބެނީ ހެނދުނުގެ ނާސްތާއިން ކަމަށްވާތީ އެވެ.
ހަކުރުބަލީގެ މީހުންނަށްވެސް ހެނދުނުގެ ނާސްތާ ވަރަށް މުހިންމެވެ. އެއީ ހަކުރުބަލި ހުންނަ ގިނަ މީހުންނަކީ، ރޭގަނޑުގެ ކެއުން ނުކައި ނިދާ މީހުންނަށްވެފައި، ހެނދުނުގެ ނާސްތާއަށް ފައިދާހުރި ކާނާއެއް ނުކެވިއްޖެނަމަ ބްލަޑް ޝުގާ މާބޮޑަށް ދައްވާނެތީއެވެ.
ފައިދާހުރި ރަނގަޅު ނާސްތާއެއް ހެނދުނު ނެގުމަކީ އިންސާނާގެ ބަރުދަންވެސް ލުއި ކޮށްދޭ ކަމެކެވެ. ހަކުރުބަލީގެ މީހުން ބަރުދަނަށް ބަލައިގެން އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކެޑެމީ އޮފް ނިއުޓްރިޝަން އެންޑް ޑަޔަބެޓިކްސް އިން 2014 ވަނަ އަހަރު ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ހެނދުނުގެ ނާސްތާއަށް ގޮދަނުގެ ބާވަތްތައް އެކުލެވިގެންވާ ކާނާ ބޭނުން ކުރުމުން ބަރުދަން ރަނގަޅަށް ބެލެހެއްޓޭނެ ކަމަށެވެ.
ހަކުރުބަލި ހުންނަ މީހުން ހެނދުނުގެ ނާސްތާ ނުނެގުމުން ވާނެގޮތް އެނގޭ ހެއްޔެވެ؟ މިއީ "ޓައިޕް 2" ހަކުރުބަލި ޖެހުމަށް މަގުފަހިވާ ކަމެއްކަމަށް 2015 ވަނަ އަހަރު ޕަބްލިކް ހެލްތު ނިއުޓްރިޝަން އިން ކުރި ދިރާސާއެއްގައި ބުނެފައިވެއެވެ. ގަވައިދުން ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާ ނެގުމަކީ ޓައިޕް 2 ހަކުރުބަލިން ރައްކާތެރި ކޮށްދޭ ކަމެކެވެ.
ގިނަ ބަޔަކަށް ހީވެފައިވަނީ ހަކުރުބަލި ޖެހުމުން ދެން ކާންޖެހޭނީ ވަރަށްވެސް ފޫހި ކާނާ ކަމަށެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ. ތިރީގައި މިވަނީ ހަކުރުބަލި ހުންނަ މީހުންނަށް ހެނދުނުގެ ނާސްތާއަށް ބޭނުން ކުރެވިދާނެ ފައިދާހުރި ބައެއް ނާސްތާތަކެކެވެ.
ސްމޫދީސް
ސްމޫދީސްއަކީ ވަރަށް ފަސޭހަކަމާއިއެކީ ތައްޔާރުކޮށްލެވޭ ފައިދާހުރި ބުއިމެކެވެ. މިބުއިން ތައްޔާރު ކުރުމަށް އެންމެ ފުރަތަމަ ބައި ޖޯޑު ސްޕިނޭޗް ބްލެންޑަރ އަކަށް އަޅާލާށެވެ. އެއަށްފަހު އެމީހަކު ބޭނުންވާ ވައްތަރެއްގެ ބެރީސް (ބްލޫބެރީ، ސްޓްރޯބެރީ ނުވަތަ ރާސްޕްބެރީ ވިޔަސް) އޭގެ ތެރެއަށް އަޅާލާށެވެ. ބޭނުމިއްޔާ އެކި ވައްތަރުގެ ބެރީސް އެއްވެސް ކުރެވިދާނެއެވެ. ދެން އެއަށްފަހު ބައިޖޯޑު އާމަންޑް ކިރާއި ޔޯގަޓް (ރޯ-ޔޯގަޓް) އެޅުމަށްފަހު ދެ މޭޒުމަތީ ސަމުސާ ފޮނިތޮށި އަޅާ ހުރިހާ އެއްޗެއް ބްލެންޑަރުން މިކްސް ކޮށްލާށެވެ. މިއީ ނިއުޓްރިޝަން ގިނަ ބުއިމެކެވެ.
އޯޓްމީލް
އޯޓްމީލަކީ މިހާރުވެސް ގިނަ މީހުން ބޭނުންކުރާ ހަށިގަނޑަށް ވަރަށް ފައިދާހުރި ނާސްތާއެކެވެ. ނަމަވެސް ޕެކެޓުތަކުގައި ބަންދު ކޮށްފައި ހުންނަ އޯޓްމީލް ބޭނުންކުރާއިރު، ތަފާތު އެކި ރަހަރަހަ ލާ ނުވަތަ ފްލޭވަރޑް އޯޓްމީލް ބޭނުން ނުކުރަން ސަމާލުވާން ވާނެއެވެ. އެއީ އެތަކެތީގައި ކޮންމެވެސް ވަރަކަށް ހަކުރު އެކުލެވިގެންވާނެތީ އެވެ. މިއީ ވަރަށް ފަސޭހައިން ތައްޔާރު ކުރެވޭ ނާސްތާ އެކެވެ. ސްކިމްޑް މިލްކްގެ ތެރެއަށް އޯޓްސްތައް އެޅުމަށްފަހު އޭގެ ތެރެއަށް ކުޑަ މާމުއި ކޮޅެއް އެއްކޮށްލާށެވެ. އިތުރަށް މީރު ކޮށްލަން ބޭނުންނަމަ، ތައްޔާރު ކޮށްފައިވާ އޯޓްމީލް ތަށީގެ ތެރެއަށް ނަޓްސް ކޮޅެއް ނުވަތަ ތާޒާ މޭވާ ކޮޅެއް އަޅާލާށެވެ.
ލޯ-ފެޓް ޔޯގަޓް
ލޯ-ފެޓް ޔޯގަޓަކީ ފަސޭހައިން ލިބެން ހުންނަ އެއްޗެކެވެ. ފިހާރަތަކުންވެސް ލިބެންހުންނަ މިނާސްތާގެ ސަބަބުން އިންސިއުލިން ލެވެލް ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނާނެއެވެ. ކޮންމެ ދުވަހަކު ހެނދުނު ޔޯގަޓް ތައްޓެއް ކާއިރު، އޭގެ ރަހަ އިތުރަށް މީރު ކޮށްލުމަށް އާމަންޑުކޮޅެއް ނުވަތަ މޭވާ ކޮޅެއް އެއަށް އަޅައިގެން ބޭނުން ކުރުންވެސް ރަނގަޅު ވާނެއެވެ.
ބިސްގަނޑާއި ޓޯސްޓު
ހަކުރުބަލި ހުންނަ ގިނަ މީހުންނަށް ހީވެފައިވަނީ، ބިސްގަނޑު ކެއުމަކީ އެމީހުންގެ ސިއްޙަތަށް ގެއްލުންވާނެ ކަމެއް ކަމަށެވެ. ނަމަވެސް މިއީ ތެދެއް ނޫނެވެ. ބިސްގަނޑާއި ޓޯސްޓު ބޭނުން ކުރަންވާ ގޮތަށް ބޭނުން ކޮށްފިނަމަ މިއީ ހަށިގަނޑަށް ފައިދާހުރި ކެއުމަކެވެ. އޮލިވް އޮއިލް ފޮދެއް ތަތްނުލަވާ ތަވައަކަށް އެޅުމަށްފަހު ތަވާގެ ތެރެއަށް އެއް ބިސް ނުވަތަ ދެ ބިސް ތުއްވާލާށެވެ. މާގިނައިރު ތަކެއް ނުކޮށް ބިސްގަނޑު ނެގިޔަސް ރަނގަޅުވާނެއެވެ. ޓޯސްޓު ހަދާއިރު ބޭނުންކުރަން ވާނީ ބްރައުން ބްރެޑް އެވެ. ބިސްގަނޑު ކަމުނުދާ މީހެއްނަމަ، އެއް ބިސް ނުވަތަ ދެބިސް ފެނުކައްކައިގެން ކެއުންވެސް ރަނގަޅު ވާނެއެވެ.
ސްޕިނޭޗް އާއި ޓޮމާޓޯ ބިސްގަނޑު
މިއީ ޕްރޮޓީންގެ މާއްދާ ހަށިގަނޑުގައި ވަރަށް ގިނަ ކޮށްދޭ ނާސްތާއެކެވެ. މިނާސްތާގެ ސަބަބުން އަވަހަށް ބަނޑުފުރުމުގެ އިތުރުން ލޭގައި ހިމެނޭ ހަކުރުގެ މިންގަނޑުވެސް ހިފަހައްޓާދެއެވެ. އެންމެ ފުރަތަމަ ތައްނުލަވާ ތަވަޔަކަށް އޮލިވް އޮއިލްފޮދެއް އެޅުމަށްފަހު އޭގައި (ބޭނުންވާ ވަރަށް) ސްޕިނޭޗް ކޮޅަކާއި ޓޮމާޓޯ ކޮޅެއްމީރުކޮށްލާށެވެ. ދެ ބިހުގެ ހުދުބަޔާއި ގޮބޮޅި ވަކި ކުރުމަށްފަހު، ހުދުބައި އޭގެ ތެރެއަށް އަޅާލާފައި ދެ މޭޒުމަތީ ސަމުސާ ސްކިމްޑް މިލްކް އެއަށް އެއްކޮށްލާށެވެ. އޭގެ ފަހުން ބެސިލް އާއި ޕާސްލޭ ފަދަ ހަރބްސް އޭގެ ތެރެއަށް އަޅާ އެއްކޮށްޅާށެވެ.