ކުރީގެ ބައިވެރިޔާއާއި އޮންނަ ގުޅުން ކެނޑުމަށްފަހު ވެސް، އޭނާ މަތިން ހަނދާން ނައްތާ ނުލެވިގެން އުޅުމަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ.
ޚާއްސަކޮށް ފުދޭވަރަކަށް ގިނަ ދުވަހު އެކުގައި އުޅެ ވަކިވެފައިވާ ދެމީހެއްނަމަ، ފަހުން އެގުޅުން ކެނޑުން ކަމުގައި ވިޔަސް އެކަން ހިތުން ފިލައިގެނެއް ނުދެއެވެ. ކުރީގެ ބައިވެރިޔާ ކޮންމެ ގޮތަކަށް ކަންތައް ކޮށްފައިވީ ނަމަވެސް، ހިތް އަބަދުމެ ގޮވަ ގޮވާ ހުންނަނީ އޭނާއަށެވެ. ބޭނުން ވެވެނީ ކުރީގެ ބައިވެރިޔާ ފެންނާށެވެ. އޭނާ އުޅޭ ނޫޅޭ ގޮތް ބަލާށެވެ. ބައެއްފަހަރު ސިއްރު ސިއްރުން އޭނާއަށް ސޯޝަލް މީޑިއާ ފަދަ ތަންތަނުގައި ފާރަވެސް ލެވެއެވެ.
ނަމަވެސް މިއީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. ސިއްޙަތަށް ފައިދާހުރި ކަމެއްވެސް ނޫނެވެ. މިކަމުން ސަލާމަތްވާން ބޭނުންވާ ކިތަންމެ ބަޔަކުވެސް ތިބިކަން ޔަޤީނެވެ.
މިފަދަ ކަންތައް ކުރުން ހުއްޓާލާ ކުރީގެ ބައިވެރިޔާގެ ޙިޔާލުތަކުން ދުރުވާން ބޭނުންނަމަ މިފަދައިން ކަންތައް ކުރުން ބުއްދިވެރިއެވެ.
- ސިކުނޑި އެކަމަށް ތައްޔާރު ކޮށްލާ
ކުރީގެ ބައިވެރިޔާ މަތިން ހަނދާން ނައްތާލަން ބޭނުން ކަމުގައިވާނަމަ، ކުރަން އެންމެ މުހިންމު އެއް ކަމަކީ ތިމާގެ ސިކުނޑި އެކަމަށް ތައްޔާރު ކުރުމެވެ. މިކަން ކުރުމަށް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ، ކުރީގެ ބައިވެރިޔާ ގެއްލުނީތީ އެކަމާއި ހިތް ފުރޭވަރަށް ހިތާމަ ކުރުމެވެ. ތިމާގެ ހިތުގައި އެހާ ފުން މަޤާމެއް ދީފައިވާ މީހަކު ގެއްލިގެން ދިޔުމުން، އެކަމާއި ހިތާމަކޮށް ރުއިމަކީ ގުދުރަތީ ކަމެކެވެ. އެކަން ނުކޮށް، ގަދަކަމުން އުފާވާން އުޅެގެން ލިބޭ ދެރަ މާބޮޑުވާނެއެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް ހިތާމަ ކުރުމަކީވެސް ރަނގަޅު ކަމެކެވެ.
ކުރީގެ ބައިވެރިޔާ ވަކިވުމުން ލިބޭ ދެރައިން ސަލާމަތް ވުމުގެ ގޮތުން ސިކުނޑި ތައްޔާރު ކުރުމުގެ ގޮތުން ކުރެވޭނެ ދެވަނަ ކަމަކީ، ކުރީގެ ބައިވެރިޔާ މަތިން ހަނދާންވާ ފަހަރަކު އޭނާ ކޮށްފައިވާ ރަނގަޅު ކަންތައް މަތިން ހަނދާން ނުކޮށް އޭނާއާއިއެކު ޖެހުނު މައްސަލަތަށް ހަނދާން ކުރުމެވެ. މިއީ އެއްވެސް ހާލެއްގައި އޭނާގެ ނުބައިކުރަން ކުރާކަމެއް ނޫނެވެ. ނަމަވެސް އަމިއްލަ ނަފްސަށް ހެވައް އެދި ކުރާ ކަމެކެވެ. ކުރީގެ ބައިވެރިޔާ އާއި ގުޅުން ކެނޑެން ދިމާވި ސަބަބު ނުވަތަ އެގުޅުން ކެނޑުމަކީ ރަނގަޅު ކަމެއްކަން ތިމާއަށް ވިސްނި ޤަބޫލު ކުރެވުނު ވަރަށް މުހިންމެވެ. މިކަން ކުރާއިރު އަމިއްލަ ނަފްސު ކުށްވެރި ނުކުރުން ވެސް ވަރަށް މުހިންމެވެ.
- ތިމާގެ ދިރިއުޅުމުން އޭނާ ނެރެ އެއްލާލާ
ދިރިއުޅުމުން އޭނާ ނެރެ އެއްލާލާށޭ މިބުނީ އޭނާ އުފުލާލައިގެން ގެންގޮސް ޑަސްބިނަށްލާ ވާހަކައެއް ނޫނެވެ. ނަމަވެސް، އޭނާގެ ޙިޔާލުތަކުން ދުރުވާން ބޭނުންނަމަ އޭނާ މަތިން ހަނދާން ކޮށްދޭ ކަންތައްތަކާއި އެއްޗެހިންނާއި ތަންތަނުން ވަގުތީ ގޮތުން ވިޔަސް ދުރުވާށެވެ. މިސާލަކަށް އޭނާ ދީފައި ހުރި އެއްޗެހި އުކާލާ، އޭނާއާއި އެކު ދިޔަ ތަންތަނަށް ނުގޮސް، މިފަދަ ކަންތައް ކުރެވޭނެއެވެ.
ދެން އަނެއް ކަމަކީ، އޭނާއަށް ގުޅުން ހުއްޓާލުމެވެ. ކިތަންމެ ވަރަކަށް އޭނާމަތިން ހަނދާންވެ، އޭނާ އުޅޭ ނޫޅޭ ގޮތް ބަލަން ބޭނުންވި ކަމުގައި ވިޔަސް އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް މަޖުބޫރުކޮށްގެން އެކަން ކުރުން ހުއްޓާލާށެވެ.
- ދިރިއުޅުން އަނެއްކާވެސް އުފާވެރި ކުރެވޭތޯ މަސައްކަތްކުރޭ
މިވަރަށް ދިރިއުޅުން ބައްޓަން ކުރެވުމުން، އަނެއްކާވެސް ދިރިއުޅުން އުފާވެރި ކުރެވޭތޯ މަސައްކަތް ކުރާށެވެ. އެގޮތުން އާއިލާ އާއި ގާތް އެކުވެރިންނާއި އެކު ވަގުތު ހޭދަ ކުރާށެވެ. އަބަދުވެސް ތިމާ އުފާ ކޮށްދޭނެ މީހުން ތިމާގެ ވަށައިގެން ބަހައްޓާށެވެ. އަބަދު ގޭގައި ނޯވެ ބޭރަށް ވެސް ނިކުމެލާ އުޅޭށެވެ.