އެންމެ ކުޑައިރުން ފެށިގެން ވެސް ބުނަމުން އަންނަ ވަހަކައަކީ އަތް ދޮވުމަކީ ސިއްޙަތަށް ވަރަށް ފައިދާ ހުރި ކަމެއް ކަމަށާއި، ކަމެއް ކުރަން ފެށުމުގެ ކުރިންނާއި ފަހުންވެސް "ރަނގަޅަށް" އަތް ދޮވުމަށެވެ.
ބަލިތައް ޖެހުމަށް އެންމެ ބޮޑަށް މަގުފަހިވަނީ އަތްލެވޭ އެއްޗެހިން، އަތުގައި ޖަރާސީމް އުފެދުމުންނެވެ. އަތުގައި ޖަރާސީމް އުފެދި އެތެރެހައްޓަށް އެޖަރާސީމުގެ އަސަރުކޮށް ބަލިވާން ފަށައެވެ.
އަތްދޮވުމަކީ މުހިންމުކަމެއްކަން އެނގޭ ފަދައިން، އަތް ދޮންނަންވީ ރަނގަޅު ގޮތް އެނގުންވެސް ވަރަށް މުހިންމެވެ. ކުޑަ ފެންފޮދަކުން އަތް ދޮވެލުމުން ޖަރާސީމްތައް މަރެއް ނުވާނެއެވެ. އެކަން ކުރަންވީ ރަނގަޅު ގޮތެއްވެއެވެ.
ދުޅަހެޔޮ ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ރަނގަޅަށް އަތް ދޮވުމަކީ މުހިންމު ކަމެކެވެ.
އެގޮތުން ރަނގަޅަށް އަތް ދޮވުމަށްޓަކައި އެންމެ ފުރަތަމަ އަތަށް ފެން އަޅާ ދެއަތް ތިލަ ތެންމާލާށެވެ. އެއަށްފަހު އަތަށް ސައިބޯނި އަޅާ ސައިބޯނީގެ ތެރެއަށް ކުޑަ ފެންފޮދެއް އެޅުމަށްފަހު ފޮނަގަނޑެއް ހަދާލާށެވެ. ދެން އެއަށްފަހު މަދުވެގެން 20 ސިކުންތު ވަންދެން ދެއަތުގައި ރަނގަޅަށް ސައިބޯނި ފޮނަގަނޑު އުނގުޅާށެވެ. ރަނގަޅަށް އަތުގައި ސައިބޯނި އުނގުޅުމަށްފަހު ދެއަތްތިލަ ދޮވެލާ އެއަށްފަހު ސާފު ތުވާލިކޮޅަކުން ނުވަތަ ޓިޝޫ އަކުން ދެއަތްތިލަ ފުހެލާށެވެ.
އަތް ދޮންނަން މަޖުބޫރުވަނީ ކޮންވަގުތަކު؟
ތަންތަނުގައާއި މީހުންގެ ގައިގާ އަތްލުމުންވެސް އަތްތިލައަށް ޖަރާސީމް އަރާނެއެވެ. މުޅި ދުވަހު އެކި ކަންކަމުގައި އުޅޭ، އަތުގައި އުފެދޭ ޖަރާސީމްތައް ނުމަރައިފިނަމަ ވަރަށް ފަސޭހައިން ބަލި ޖެހޭނެއެވެ. ޚާއްސަކޮސް ޖަރާސީމުން ފުރިގެންވާ އަތްތިލައިން ގައިގެ އެކި ތަންތަނުގައި އަތްލުމުން، އެޖަރާސީމްތައް މުޅި ހަށިގަނޑަށް ފެތުރެމުން ދެއެވެ.
އަބަދާއި އަބަދު އަތް ދޮވުމަކީވެސް ވާނޭ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެހެންވެސް އަތް ދޮވުން ލާޒިމް ޙާލަތްތަކެއް ވެއެވެ.
އެއީ:
- ފާހަނައަށް ދިޔުމަށްފަހު
- ފާރުގަނޑެއްގައި ބޭސް އެޅުމުގެ ކުރިން
- ކާބޯތަކެތި ތައްޔާރު ކުރަން ފެށުމުގެ ކުރިންނާއި ފަހުން، އަދި ކާން ފެށުމުގެ ކުރިންނާއި ފަހުން
- (އެކި ކަހަލަ) މަސް ކަނޑަން/ކޮށަން ފެށުމުގެ ކުރިންނާއި ފަހުން
- ބޭރުގައި ގިނައިރު އުޅުމަށްފަހު
- ބަލި މީހަކު ބަލަން ފެށުމުގެ ކުރިންނާއި ފަހުން
- ތުއްތު ކުއްޖެއްގެ ނެޕީ ބަދަލު ކުރުމަށްފަހު
- ކުޑަ ކުއްޖަކު ފާހަނަކޮށް ނިމުމުން ދޮވެ ދިނުމަށްފަހު
- ގެންގުޅޭ ޖަނަވާރެއްގައި އަތްލުމަށްފަހު ނުވަތަ އޭގެ ނަޖިސް ސާފު ކުރުމަށްފަހު
- ކުނި އުކާލުމަށް ފަހު
- ގަސް އިންދުންފަދަ ކަންތައް ކުރުމަށްފަހު