ބަނޑުލުމަކީ އެއްދުވަހަކުން، ދެދުވަހަކުންވާ ކަމެއްނޫނެވެ. އެހެން ނަމަވެސް ގިނަ މީހުންނަށް ހޭވެރިކަންވަނީ ބަނޑުލާފަހުންނެވެ. ކޮންމެވެސް ބަޔަކު ނުވަތަ މީހަކު އެވާހަކަ ދެއްކުމުންނެވެ.
ދިމާކުރުމުގެ ގޮތުން ނަމަވެސް " ހާދަ ބަނޑުލައިފިއޭ " ކިޔާ ދިމާކުރަން ފެށުމުންނެވެ. ޚާއްޞަކޮށް ރައްޓެހިވެގެން އުޅޭ ކުއްޖާ ނުވަތަ އަންހެނުންގެ ފަރާތުން އެފަދަ ބަސްތައް އަމާޒުވުމުންނެވެ.
މިގޮތަށް ބަނޑުލުމުން ދެން އެބަނޑު ހިންދުމަކީ ވަރަށްވެސް އުނދަގޫ ކަމެކެވެ. ޚާއްޞަކޮށް ދުވެ ކަސްރަތު ކުރަންޖެހުމަކީ އެންމެ އުނދަގޫކަމެވެ. ގިނަ ވަގުތު މަސައްކަތުގައި އުޅުމަށް ފަހު، ޢާއިލާ އާއެކު ވަގުތު ހޭދަ ކުރަމުން ކަސްރަތު ކުރުމަށް ވަގުތު ދިނުމަކީ ފަސޭހަކަމެއް ނޫނެވެ.
އެހެން ނަމަވެސް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތަކީ ނުހަނު ބޭނުންތެރި އެއްޗަކަށް ވާހިނދު، އެއީ ނުކޮށް ދޫކޮއްލާވަރަށް ވުރެ މުހިއްމު އެއްޗެކެވެ. ކަމުގެ މާހިރުން ވިދާޅުވާ ގޮތުގައި ދުވާލަކު މަދުވެގެން 30 މިނެޓު ކަސްރަތު ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.
ކަސްރަތު ކުރުމުގެ މާނައަކީ ކޮންމެހެން ދުވުމެއް ނޫނެވެ. ހިނގުމާއި ފެތުންވެސް ކަސްރަތުގެ ތެރޭގައި ހިމެނެއެވެ.
ބަނޑުލާފައިތިބޭ މީހުންނަށް ކަސްރަތާއެކު 10 ދުވަހުގެ ތެރޭގައި ބަނޑުހިންދާލުމަކީ ނުވާނޭކަމެއް ނޫނެވެ. ކެއުމަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ކުޑަ ބަދަލަކުން މިކަން ކޮއްލެވިދާނެއެވެ.
މިގޮތުން އެންމެ ފުރަތަމަވެސް ގޭގައި ހުރި ހުރިހާ ޖަންކް ފުޑްސް ތައް ބޭރުކޮށްލަން ޖެހެއެވެ. ސޮސެޖާއި މެޓާ ފަދަ ތަކެތި އެއްގޮތަކަށްވެސް ގޭގައި ބެހެއްޓުން ރަނގަޅެއް ނޫނެވެ. މިތަކެތީގެ ބަދަލުގައި ފައިބާރ ގިނައިން ހުންނަ ކާނާ އާއި މޭވާ އާއި ތަރުކާރީ އާއި ފަތުގެ ބާވަތްތަކާއި އެއްގަމު މަސް އަދި ލޯފެޓް ޑެއިރީގެ ބާވަތްތަކާއި ބަދަން ފަދަ ތަކެތި ބޭނުންކުރަން ފަށާށެވެ.
ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާ ކެއުމުން ދުރުވެ ދުވާލަކު 10-12 ތަށި ފެން ބޯން ފަށާށެވެ. އޭރުން ގައިގާ ހުންނަ ސަރުބީތައް ނައްތާލުމަށް އެހީތެރިވެދޭނެއެވެ. އަދި މިޑައިޓް ފެށުމުގެ ކުރިން ދެތިން ދުވަހު ރޯދައަށްވެސް ހުރެވިދާނެއެވެ. އެއީ ރޯދައަށް ހުރުމަކީ ބަނޑު ހަމަޖައްސާލުމަށް ލިބޭ ރަނުގެ ފުރުޞަތަކަށް ވާތީއެވެ.
ދެވަނަ ދުވަހު ގިނައިން ރޮލަށް ނުވަތަ ފެނު ކައްކައިގެން ތަރުކާރީ ނުވަތަ ކުކުޅު ސޫޕް ބޭނުން ކުރެވިދާނެއެވެ. ކޮންމެ 2 ނަވަތަ 3 ގަޑިއިރަކުން ކޮންމެސް އެއްޗެއް ބޭނުން ކުރަންވާނެއެވެ.
އޭރުން ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް އިތުރުކޮށްދީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދޭނެއެވެ. މޭވާ އާއި ތަރުކާރީ ބޭނުން ކުރާއިރު، އެންމެ ވައްތަރެއް ބޭނުން ކުރުމުގެ ބަދަލުގައި 6 ވަރަކަށް ވައްތަރުގެ މޭވާ އާއި ތަރުކާރީ ބޭނުންކުރާށެވެ.
އަދި ދޮންކޭލާއި އާފަލް ފަދަ ތަކެތި ބޭނުންކުރުން ރަނގަޅެއް ނޫނެވެ. އަދި ކަސްރަތު ކުރާނަމަ އެންމެ ފުރަތަމަ ދުވާލަކު 20 މިނެޓް ހިނގުން ފަދަ ލުއި ކަސްރަތަކުން ފެށުން ބުއްދިވެރިއެވެ. ސަބަބަކީ ފަށައިގަންނަ އިރު އެމީހެއްގެ ހަށިގަނޑު އެކަމަށް ތައްޔާރުނުވާނެތީއެވެ.
ތިންވަނަ ދުވަހުގެ ހެނދުނުގެ ނާސްތާއަކަށް 50 ގްރާމް ކާބޯހައިޑްރޭޓްސް ބޭނުންކުރާށެވެ. އަވަހަށް ބަނޑު ހިންދަން ބޭނުންނަމަ ކާބޯހައިޑްރޭޓްސްގެ ގޮތުގައި އޯޓްސް ބޭނުންކުރާށެވެ. މާޖިރިން އާއި ބަޓަރު ފަދަ ތަކެތި އެއްވެސް ވަރަކަށް ބޭނުންކުރާށެވެ.
ހަތަރުވަނަ ދުވަސް ފެށުމުގެ ގޮތުން ނާސްތާއަށް ކޮންމެވެސް ވައްތަރެއްގެ ފަތަކާއެކު (މިސާލަކަށް: ކޮޕީ ފަތްފަދަ ފަތެއް) 3 ބިހުގެ ބިސްގަނޑެއް ބޭނުން ކުރާށެވެ.
މިދުވަހުގެ މެންދުރުގެ ކެއުމުގައި ކުކުޅާއި ކިއުކަމްބާ ނުވަތަ ތަރުކާރީ ސެލެޑެއް ބޭނުންކުރެވިދާނެއެވެ. އަދި ތެލުގެ އެއްޗެއް ބޭނުންކުރަން ބޭނުންނަމަ ކެއުމުގައި ޒައިތޫނި ތެޔޮ ބޭނުން ކުރާށެވެ. ދުވަހުގެ ވަގުތުތަކުގައި ބަނޑުހައިކަން އިހުސާސް ކުރެވޭނަމަ ބަދަން ކަހަލަ އެއްޗެއް ބޭނުންކުރާށެވެ.
ފަސްވަނަ ދުވަހު ލޯ ފެޓް މިލްކާއި އެކު 1 ނުވަތަ 2 ދޮންކެޔޮވަށް ބޭނުން ކުރެވިދާނެއެވެ. ބަނޑުހައިވާނަމަ ތަރުކާރީ ސޫޕެއް ނުވަތަ ސެލެޑެއް ބޭނުންކުރާށެވެ.
ހަވަނަ ދުވަހުގެ ހެނދުނަށް ފެހިއޮށާއި ބިސް ބޭނުންކުރާށެވެ. އެއީ ދެބިސް އެއްކޮށް އަދި ދެބިހުގެ ހުދުބައި އަދި ޓޮމާޓޯ ބޭނުންކުރާށެވެ. އަދި ދުވަހުގެ ކެއުމަށް އެއްގަމު މަސް ބޭނުން ކުރާށެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް 5 ވައްތަރެއްގެ މޭވާ އާއި ތަރުކާރީ ކެއުމުގައި ހިމެނުމަށް ހަނދާން ކުރަންވާނެއެވެ.
ހަތްވަނަ ދުވަހު ކުކުޅު ފެނު ކައްކައިން ނުވަތަ ގްރިލް ކޮށްގެން ބޭނުން ކުރާށެވެ. އަދި މިއާއެކު އެއް ބިސް ކައްކައިގެން އަދި ދެ ބިހުގެ ހުދު ބައި ހެނދުނުގެ ސައިގެ ގޮތުގައި ބޭނުން ކުރާށެވެ. އަދި ބޮރޮކޮލީވެސް ބޭނުންކުރެވިދާނެއެވެ.
އަށްވަނަ ދުވަހު ނިޔުޓްރިއެންޓް މަދުން ހުންނަ ކާނާ އާއި ދުރުވާށެވެ. މިއަދު ހެނދުނު ސައިގެ ގޮތުގައި ބިހާއެކު ޕާން ބޭނުން ކުރާށެވެ. 10-12 ތަށީގެ ފެން ބުއިން މިއަދުވެސް ހަމަ ކުރިއަށް ގެންދާށެވެ. އަދި މިދުވަހު މޭވާ ހިމެނޭ ޔޯގަޓް ބޭނުންކުރެވިދާނެއެވެ.
ނުވަވަނަ ދުވަހަކީ ހަމައެކަނި ތަރުކާރީ ދުވަހަކަށް ހަދާށެވެ. ނަމަވެސް ބޭނުންކުރަންވާނީ ކެލަރީ މަދުން ހުންނަ ކަހަލަ ތަރުކާރީއެވެ. އޭރުން ހަޖަމް ކުރުމުގެ ނިޒާމުގައި ހުންނަ ސަރުބީތައް ނައްތާލައި ސާފު ކުރުމަށް ފަސޭހަވާނެއެވެ. އެހެން ކަމުން ފައިބަރ ބޮޑަށް ލިބޭ ކަހަލަ ކާނާ ބޭނުން ކުރަންވާނެއެވެ.
ދިހަވަނަ ދުވަހަކީ މި ޑައިޓުގެ އެންމެ ފަހު ދުވަސް ކަމަށްވާތީ މިދުވަހު ހެނދުނު ސައިގެ ގޮތުގައި ގޮދަނުގެ ބާވަތްތަކާއި މޭވާ ހިމަނާށެވެ. އަދި ލޯ ފެޓް ފައިބަރ ހުންނަ ސޫޕް ފަދަ ތަކެތި ބޭނުން ކުރާށެވެ.
ވިސްނަންވީ ކަމަކީ މިއިން ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރަންވާނެ ކަމެވެ. އެކި ދުވަހު އެކި މިންގަނޑުގައި ތަފާތު ކަސްރަތެވެ. މި ކަސްރަތުތައް ކުރުމުގައި އެކަމުގެ މާހިރުންގެ ލަފާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އަދި ޑައިޓުގެ ދުވަސްވަރު އެމީހަކަށް އިތުރުގޮތްތަކެއްވާނަމަ، ޑައިޓީޝަނެއްގެ އިރުޝާދު ހޯދުން ވަރަށް މުހިއްމެވެ. ސަބަބަކީ އެމީހަކީ މިފަދަ ޑައިޓެއް އަލަށް ފަށާ މީހެއް ނަމަ، ހަށިގަނޑަށް ތަފާތު ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމަކަށްވާތީއެވެ.