ވީއައިއޭގެ ލޭންޑް ސައިޑްގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުންނާއި ޙަވާލުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
ވީއައިއޭގެ ލޭންޑް ސައިޑްގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުންނާއި ޙަވާލުކޮށްފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ލޭންޑް ސައިޑްގެ ސެކިއުރިޓީ ބެހެލެއްޓުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޙަވާލުކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އެއަރޕޯޓްގެ ލޭންޑް ސައިޑްގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ސެކިއުރިޓީ ކަންކަން ބަލަހައްޓާ އެހެން ފަރާތްތައް ތިބިނަމަވެސް މިފަދަ ޚިދުމަތެއް ޕްރޮފެޝަނަލް ކަމާއެކު ދެވޭނީ ފުލުހުންނަށް ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ ވިދާޅުވީ އެއަރޕޯޓްގެ އޮޕަރޭޝަންތައް ފުޅާވަމުންދާއިރު ޤަވާއިދުތަކާއި އުސޫލުތަކަށް ޢަމަލުކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

އެހެންކަމުން މި އެއްބަސްވުމާއެކު އެކަންކަން ބެލެހެއްޓުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި ޤަވާއިދުތަކާއި އުސޫލުތައް ދަމަހައްޓައި މަސައްކަތްތައް އެންމެ ފުރިހަމައަށް ކޮށްދޭނޭކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

މިއަދު އޮންލައިން