ހަކަތަ އިގްތިސާދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކުރިއަށްގެންދާ "ސޭވް އެނާރޖީ" ކެމްޕެއިން "ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" ގެ ނަމުގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު، އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ހުޅުދޫ އަދި މީދޫގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ސެޝަންގައެވެ.
ކެމްޕެއިން އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދަކީ އެ ކުންފުނީގެ ތާރީޚުގައި މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް ކަމަށާއި މިއީ ހަމައެކަނި ޝިއާރެއް ނޫން ކަމަށެވެ. އަދި މިއީ ގައުމީ ފެންވަރުގައި އެންމެހައި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހިފައިވާ ނުހަނު ބޭނުންތެރި ހެޔޮ ބަދަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑރ. އަޒުވަރު ވިދާޅުވީ ދިރިއުޅުމުގެ ކޮންމެ ކަމެއް ކަރަންޓުގެ ހިދުމަތާ ގުޅިލާމެހިފައިވާއިރު، އިސްރާފުކުރުމެއް ނެތި ކަރަންޓު ބޭނުންކުރުމަކީ ގައުމުގެ އިގްތިސާދަށާއި ތިމާވެއްޓަށްޓަކައި ކޮންމެހެން ކަށަވަރުކުރަންޖެހޭ ކަމެއް ކަމަށެވެ. ކަރަންޓު އިގްތިސާދު ކުރުމަކީ ހަމައެކަނި މަހު ބިލަށް އަރާ އަދަދު ކުޑަކުރުން ނޫން ކަމަށާއި އެއީ ގައުމުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަކޮށް، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކޮށް، އަންނަން އޮތް ޖީލުތަކަށްޓަކައި ގުދުރަތީ ވެށި ރައްކާތެރިކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ ކަރަންޓު ބޭނުންކުރުމުގައި ޒިންމާދާރު އާދަތަކެއް މުޖުތަމައުގައި އަށަގެންނެވުމެވެ. އެގޮތުން ބޭކާރު ގޮތުގައި ދިއްލާފައި ހުންނަ ބޮކިތައް ނިއްވާލުމާއި، ގިނަ ވަގުތުތަކަކަށް ބޭރަށް ދާނަމަ އޭސީ ނިއްވާލުން ފަދަ ކަންކަމަކީ މުޅި ގައުމުގެ ހަކަތައިގެ ރައްކާތެރިކަމަށް ވެވޭ ބޮޑު އެހީތެރިކަމެއްކަން ހަނދާންކޮށްދީ، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަކަތަ އިގްތިސާދުކުރެވޭނެ މަގުތައް ރައްޔިތުންނަށް ދައްކުވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ކެމްޕެއިނަކީ ހަމައެކަނި މާލެއަށް ނުވަތަ ވަކި ސަރަހައްދަކަށް ޚާއްސަ ހަރަކާތެއް ނޫންކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ހަމައަށް މި ކެމްޕެއިންގެ ސެޝަންތަކުގެ ތެރެއިން ވާސިލްވާނެ ކަމަށެވެ. އަދި ހަމައެކަނި ވާހަކަތަކެއް ދައްކާލުމުގެ ބަދަލުގައި، ގައުމީ ފެންވަރުގައި ކަރަންޓު އިސްރާފުކުރުން ބޮޑުތަނުން ދަށްކުރެވި، އަތުން ހިފޭ ފަދަ ހަގީގީ ނަތީޖާއެއް ނެރުމަކީ މި މަސައްކަތުގެ އަމާޒު ކަމަށް ވިދާޅުވިއެވެ.
ޑރ. އަޒުވަރު ވަނީ މި ގައުމީ މަސައްކަތުގައި އެންމެހައި ރައްޔިތުން ބައިވެރިވެ، އަމިއްލަ ގޭބިސީންނާއި މަސައްކަތުގެ މާހައުލުން ހަކަތަ އިގްތިސާދުކުރުމުގެ އާދަ ފެށުމަށް ގޮވާލައްވާފައެވެ.