ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ދިރާގާ ގުޅިގެން ގާއިމުކުރި ބިޒްނަސް އިންކިއުބޭޓަރ، "އެމްއެންޔޫ އިނޮވޭޓްހަބް" ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ ރާއްޖޭގެ ޔުނިވަރސިޓީއަކުން އިސްނަގައިގެން ގާއިމުކޮށް ހިންގަން ފެށި ފުރަތަމަ ބިޒްނަސް އިންކިއުބޭޓަރެވެ.
މި އިންކިއުބޭޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މަތީ ތައުލީމުގެ ދާއިރާގައި ވިޔަފާރީގެ ވިސްނުން އަށަގަންނުވައި، ދަރިވަރުންގެ އިލްމާއި އުފެއްދުންތެރިކަން އަމަލީ ވިޔަފާރި ހައްލުތަކަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
އިނޮވޭޓްހަބް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ޚާއްސަ ޕިޗިންގ ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި ހަތަރު ޓީމަކުން ވަނީ އެ ފަރާތްތަކުގެ އައު ވިޔަފާރި ޚިޔާލުތައް ޖަޖުންގެ ޕެނަލަކަށް ހުށަހަޅާފައެވެ. މި ޕެނަލުގައި ހިމެނިވަޑައިގެންނެވީ ދިރާގާއި، ސްޕާކްހަބް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ ތަޖުރިބާކާރުންނެވެ. މީގެއިތުރުން، ޓީމުތަކުން ހުށަހެޅި ވިޔަފާރި މޮޑެލްތައް އިތުރަށް ތަރައްގީކޮށް ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުން ޖަޖުންގެ ޕެނަލުން ވަނީ އަގުހުރި އިރުޝާދުތަކާއި ޚިޔާލުތައް ބައިވެރިންނާ ހިއްސާކޮށްފައެވެ.
މި އިނޮވޭޓްހަބާ ގުޅޭގޮތުން އެމްއެންޔޫއިން ބުނީ، މިއީ ދަރިވަރުންނާއި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކުގެ އިތުރުން އީޖާދީ ވިސްނުންތައް ގެންގުޅޭ ފަރާތްތަކަށް އެ ފަރާތްތަކުގެ ޚިޔާލުތައް ނަތީޖާ ނެރެދެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް ހުޅުވިގެންދިޔަ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި މި ހަބާއި ޕިޗިންގ އިވެންޓަކީ އުފެއްދުންތެރިކަމާއި އިނޮވޭޝަން އަދި ވިޔަފާރިވެރިކަން ކުރިއަރުވައި، މުޖުތަމައަށް ބޭނުންވާ ހައްލުތައް އަމަލީގޮތުން ދައްކުވައިދިނުމަށް ޒުވާނުން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.