ދިވެހި ޒުވާނުންގެ ހުނަރުވެރިކަން އިތުރުކޮށް، ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވުމުގެ މަޤުޞަދުގައި ބާއްވާ ވަޒީފާއާއި ހުނަރުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "ވަރަ އެކްސްޕޯ 2026" މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ގިނަ އަދަދެއްގެ ބޮޑެތި ޕާޓްނަރުންނާއެކު ފެށި މި އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި، މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެކްސްޕޯ ރަސްމީކޮށް ފައްޓަވައިދެއްވީ ބަންޑާރަ ނައިބު އަޙުމަދު އުޝާމްއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުންނާއި، އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ގުޅިގެން ރާއްޖޭގައި މިހާތަނަށް ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯއެވެ. މި އެކްސްޕޯގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ތަފާތު ފުރުޞަތުތަކާއި، މަސައްކަތުގެ މައިދާނަށް ބޭނުންވާ މުހިންމު ހުނަރުތަކުގެ އިތުރުން ދިވެހިންގެ އުފެއްދުންތެރިކަން އެއްތަނަކުން ދައްކާލުމެވެ.
މި ހަރަކާތުގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ޒުވާނުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެގެންދާނެއެވެ. އަދި ވަޒީފާގެ މާހައުލާ ގުޅޭ މުހިންމު މަޢުލޫމާތުތައް ބަދަލުކުރުމަށާއި، ކެރިއަރު ބައްޓަންކުރުމަށް ބޭނުންވާ މަގުދެއްކުންތައް ހޯދުމުގެ ފަހި ފުރުޞަތުތަކެއް ޒުވާނުންނަށް މި އެކްސްޕޯގެ ތެރެއިން ފަހިވެގެންދާނެއެވެ.