މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ތާރީހީ ތަރިކައެއް ކިތާބުކޮށް ނިންމާލެވޭނެ: ވަޒީރު ހީނާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ތާރީހީ ތަރިކައެއް ކިތާބުކޮށް ނިންމާލެވޭނެ: ވަޒީރު ހީނާ

މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ތާރީހީ ތަރިކައެއް ކިތާބުކޮށް އެއްކޮށް ނިންމާލެވޭނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 3 އަހަރުގެ ކާމިޔާބީތައް ހިއްސާކުރެއްވުމަށް ދައުލަތުގެމީޑިއާގެ "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހުރި ތަރިކަތަކާއި އާސާރުތަކުގެ ފުރިހަމަ މައުލޫމާތު ކިތާބުކޮށް، މި ސަރަހައްދުގައި އެކަން ފުރިހަމަކުރި ފުރަތަމަ ގައުމަށް ރާއްޖެ ވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ތަރިކަތައް ހިމާޔަތްކުރުމަށް އަތޮޅުތަކުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާއިރު، ހާސިލުކުރެވޭ އެންމެ ބޮޑު އެއް ކާމިޔާބީއަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހުރި ތާރީހީ ހުރިހާ ތަރިކަތައް ކިތާބުކޮށް ނިންމާލެވުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަޒީރު ހީނާ ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ތާރީހީ އާސާރުތަކާ ގުޅޭ ފޮޓޯއާއި ވީޑިއޯ އަދި އެތަންތަން ކިތާބުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައެވެ. މިއީ ސަރުކާރުގެ 2.0 ސިޔާސަތުގެ ތެރެއިން ތަރިކަ ޑިޖިޓަލައިޒްކޮށް، ތަރިކައިގެ މައުލޫމާތުތައް ޑިޖިޓަލް ޕްލެޓްފޯމަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ބާރެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

"މިއީ މި ސަރަހައްދުގެ ޤައުމުތަކަށް ބަލާއިރު ނިސްބަތުން ހުރިހާ ރަށެއްގައި ހުރި ހުރިހާ ތަރިކަތަކެއް ކިތާބުކުރެވޭ ފުރަތަމަ ޤައުމުކަން ވެސް އުފަލާއެކު ފާހަގަކޮށްލަން. ކިއުޓަން ޔުނިވާރސިޓީއާއި ޕްރޮފެސަރ މައިކާ ފީނާރއާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތް ނިމި، އަޅުގަނޑުމެން މިދަނީ މި މަސައްކަތް ނިންމުމުގެ މަރުހަލާ ކުރިއަށް ގެންދަމުން. މިއީ ތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތެރެއިން ކުރެވިގެންދިޔަ ވަރަށް މުހިންމު މަސައްކަތެއް،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އަތޮޅުތެރޭގައި ހުރި ގިނަ އާސާރީ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ހާއްސަގޮތެއްގައި ގާޒީ ބަންޑާރައިންގެ ހަނދާންތަކާއި އާސާރުތައް ދިރުވައި އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެއް ކަމަށެވެ.

މިއަދު އޮންލައިން