ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބެލެރީ ފުލުހުން، ފުލުހުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.
މިރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ޤައުމެއްގެ ހަޔާތުގައި ޤައުމުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަމާއި އަމަން އަމާންކަން ޤާއިމްކުރުމުގައި ފުލުހުންގެ ދަޢުރަކީވެސް މުހިންމު ދަޢުރެއްކަމަށާއި ފުލުހުންގެ މުއައްސަސާއަކީ މުހިންމު އަދި ބޭނުންތެރި މުއައްސަސާއެއްކަމަށް ވިދާޅުވިއެވެ.
މިގޮތުން ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާ ކަމުގައިވާ ޖުތަމަޢުގެ ޢާއްމު މަޞްލަޙަތާއި ޢަމަންއާއްމު ދެމެހެއްޓުމާއި، ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުން ޙިމާޔަތްކޮށްދީ އެބައިމީހުންގެ މުދަލާއި ގޯތިގެދޮރު ރައްކާތެރިކޮށްދީ، ޖިނާޢީ ކުށްތައް ތަޙްޤީޤުކޮށް ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމަށް ބޭނުންވާނެ ތައްޔާރީތައް ކުރުމާއި ޤާނޫނު ނެގެހެއްޓުމާއި، ފަރުދުންގެ ފުރާނައާއި މުދަލާއި ގޯތިގެދޮރު ރައްކައުތެރިކޮށް ޙިމާޔަތް ކުރުމުގައި އެހީތެރިވެދިނުމާއި ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައި އެޙައްޤުތައް ޙިމާޔަތް ކޮށްދިނުމުގެ އިތުރުންވެސް ވަރަށް ގިނަގުނަ މަސްއޫލިއްޔަތާއި ވާޖިބުތަކެއް ހިމެނިގެން ވާކަން ރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމުގެ މައްޗަށް ވިސްނައި ބަލާލުމުން އެނގި ހާމަވެގެންދާނެކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ފުލުހުންގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ކުރިމަތިލާ ކޮންމެ މީހަކީވެސް ފުލުހުންގެ މަސައްކަތުގެ އަހުލާޤީ މިންގަނޑާ އެއްގޮތަށް ޢަމަލުކުރާ، އެމީހަކަށް ލިބިފައިވާ ހުނަރެއް އެމީހެއްގެ ޤާބިލިއްޔަތުކަން ތަންދިން އެންމެމަތީ މިންވަރަކަށް ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ފުލުހުންނާ މަތިކުރެވިފައިވާ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް ހެޔޮގޮތުގައި އަދާކުރުން މަތީ ދެމިހުރުމަށް އަޒުމް ކަނޑައަޅައި އެގޮތުގައި މަސައްކަތްކުރުމަކީ ކޮންމެ ބޭފުޅެއްގެ ކޮނޑުގައި އެޅިފައިވާ ދީނީ، ޤައުމީ، ދުސްތޫރީ އަދި ޤާނޫނީ މަސްޢޫލިއްޔަތެއްކަން އަބަދުމެ ހަނދާންކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ާޤާނޫނު އަސާސީ ޤާނޫނުތަކުގައި ވާގޮތުގެ މަތިން ފުލުހުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް މިއަދު ކުރި ހުވައަކީ ވަރަށް އަގުހުރި ހުވައެއް ކަމަށާއި ﷲ ގަންދީ ކުރާ ހުވާގައި ހިމެނޭ ކަންކަމަށް ފުރިހަމަ އަށް ފާރެވިވެ، ފަރުވާތެރިވެ، ރައްކާތެރިވެ ހުވައާއެއްގޮތަށް ޢަމަލުކުރުމަކީވެސް ދީނީ، ޤައުމީ މަތިވެރި މަސްޢޫލިއްޔަތަކާއި ވާޖިބެއްކަން އަބަދުވެސް ހަނދާންކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ވިދާޅުވީ މާތްﷲ ގަންދީ ކުރެވޭ ހުވަޔަކީ ވަރަށް އަގުބޮޑު އެއްޗެއް ކަމަށާއި އެ ހުވަޔަށް ތެދުވެރިވުން ވާޖިބުވާނެ ކަމަށެވެ. މިގޮތުން ހުވާގެ މުހިއްމު ކަމާއި ހުވާގެ މަތީގައި ދެމި ހުރުމާއި ހުވަޔާއި ޚިލާފުވުމުގައި ދީނީގޮތުން ހުރި ކަންކަން ވަރަށް ރަނގަޅަށް ރަސްމިއްޔާތުގެ ބައިވެރިންނަށް އޮޅުން ފިލުވައި ދެއްވައި ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުއްނަތުން އެކަމުގެ ދަލީލު ދެއްކެވިއެވެ.
އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތުގައި މިއަދު ހުވާ ކުރީ ފުލުހުންގެ ޚިދުމަތަށް އަލަށް ގުޅުނު 66 ފުލުހަކާއި ސްޕެޝަލް ކޮންސްޓެބެލަރީ ފުލުހުންގެ ޚިދުމަތާއި ގުޅުނު 27 ފުލުހުންނެވެ.
ހުވާކުރުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަރވިސް ޑެވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު އާއި ސަރވިސް ޑެވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި ހިއުމަންރިސޯސް ޑިޕާޓްމަންޓުގެ ހެޑް ބައިވެރިވިއެވެ.
ހުވާކޮށް ނިމުމަށްފަހު ކޮންމެ ފުލުހަކުވެސް ވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.
ޚަބަރާ ފޮޓޯ: އެމްޕީއެސް