ޅ.އަތޮޅުން މަސްތުވާތަކެއްޗާއެކު 3 މީހުން ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޅ.އަތޮޅުން މަސްތުވާތަކެއްޗާއެކު 3 މީހުން ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮެސްފިއެވެ.

މި ދެ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 33 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޖޫން މަހުގެ 17 ވަނަ ދުވަހު ޅ. ކުރެންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެދުވަހުގެ 09:40 އެހާކަށްހާއިރުއެވެ. މިތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އެތަނުން އެކަކު ލައިގެންހުރި ޖަމީހުގެ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ރަބަރު ޕެކެޓާއި 5 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތިންމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ޅ.ކުރެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ

މި އޮޕަރޭޝަނުގައި އިތުރުން ޅ. ހިންނަވަރަށް އަންނަ ބޯޓެއްގައި ބަނގުރާ ކައްކާފައިހުރިކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނުން ޖޫން މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެބޯޓް ވަނީ ބަލައިފާސްކޮށްފައެވެ. އެބޯޓް ބަލައިފާސްކުރިއިރު ފޮށިގަނޑެއްގެ ތެރެއިން ފެންހުސްކުރި 500 އެމްއެލްގެ 4 ފުޅިއެއް ފެނިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.

މި މައްސަލަތައް ޅ. ކުރެންދޫ ޕޮލިސް ސްޓޭޝަނާއި ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

މިއަދު އޮންލައިން