މެމްބަރުންތަކަކަށް ރިޝްވަތުދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މެމްބަރުންތަކަކަށް ރިޝްވަތުދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަނީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތުދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ހުށަހެޅިފައިވާތީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ މައްސަލަތައް ބަލަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިފަދަ ބައެއް މައްސަލަތައް ތަޙްޤީޤްކޮށްދިނުން އެދި ބައެއް ފަރާތްތަކުން ވަނީ ފުލުހުންނަށް މައްސަލަތައް ހުށަހަޅާފައި ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙްގެ މައްޗަށް ހުށަހެޅުނު އިތުރުބާރުނެތްކަމުގެ މައްސަލައަށް ނުފޫޒުފޯރުވުމުގެ ގޮތުން ނުވަތަ ވަކި ނަތީޖާއެއް ޙާޞިލުކުރުމުގެ ބޭނުމުގައި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިޝް މައުމޫން ބައެއް މެންބަރުންނަށް ރިޝްވަތު ދެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގެ ހެއްކާ ޤަރީނާ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ހުށަހެޅުނު މިފަދަ މައްސަލައެއްގައި ރިޝްވަތުދިނުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ބެލެވޭ ލ. ފޮނަދޫ ސްވީޓް ފްލާވަރ އަހްމަދު ޝާފިއު މިހާރު ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ކަމަށެވެ. އަދި މިފަދަ މައްސަލައެއްގައި ސުވާލުކުރަންޖެހޭ އަހްމަދު ސޮފްވާން ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައި ކަމަށާއި އޭނާ ގެނައުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ފުރިހަމަކޮށްފައިވާ ކަމަށް ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ރިޝްވަތު ދިނުމަކީ ޖިނާޢީ ބޮޑު ކުށަކަށްވެފައި އެފަދަ މައްސަލަތައް ތަޙްޤީޤް ކުރުމަކީ ފުލުހުންގެ މައްޗަށް އޮތް ޤާނޫނީ ވާޖިބަކަށްވާއިރު ފުލުހުން ވާޖިބު އަދާކުރުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ރިޝްވަތުގެ ކަމެއް އެނގިއްޖެނަމަ އެކަން ވީހައި އަވަހަކަށް ފުލުހުންނާއި ހިއްސާކުރުމަށް ވެސް މީޑިއާ އޮފިޝަލް ވަނީ އެދިވަޑައިގެންފައެވެ.

"ރިޝްވަތުގެ މައްސަލަތައް ބެލުމުގައި އެއްވެސް ފަރާތެއް އިސްތިސްނާ ނުވާނެ ވާހަކަ ވެސް މިފުރުޞަތުގައި ދަންނަވަން. މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތަކަށް ކުށުން ބަރީއަވާން ލިބޭ ފުރުޞަތުތަކުގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ނަގާކަން ހިތާމައާއިއެކު ފާހަގަކުރަން."

މިމައްސަލަތައް ފުޅައު ދާއިރާއެއްގައި ބަލަމުން ގެންދާތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިއަދު އޮންލައިން