މާބަނޑު ދުވަސްވަރާއި ކުރުނބާފެން...

ކިޔުމަށް ހޭދަވާނީ 2މ 31ސ
މާބަނޑު ދުވަސްވަރާއި ކުރުނބާފެން...
މާބަނޑު ދުވަސްވަރު ވީހާވެސް ގިނައިން ދިޔާ އެއްޗެހި ބުއިމަށް ގިނަ ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. އޭގެ ތެރޭގައިވެސް ހަށިގަނޑަށް އެންމެ ބޮޑަށް ފައިދާ ކުރާނީ، އެއްވެސް އިތުރު މައްދާއެއް އެއްކޮށްފައި ނުވާ، ގުދުރަތީ ތާޒާ ބުއިންތަކެވެ.

މިގޮތުން ކުރުނބާ ފެނަކީ މާބަނޑު އަންހެން މީހާއަށާއި ބަނޑުގައިވާ ދަރިފުޅަށްވެސް ވަރަށް ފައިދާހުރި އެއްޗެއް ކަމަށް ސިއްޙަތާބެހޭ މާހިރުން ވަނީ ބުނެފައެވެ. ކުރުނބާ ފެނުގެ ތެރެއިންވެސް އެންމެ ފައިދާކަން ބޮޑީ ހަމަ ތާޒާ ކުރުނބާ ފެނުގެއެވެ. ފުޅިފުޅީގައި ބަންދު ކޮށްފައި ހުންނަ ކުރުނބާ ފެނުގައެއް ނޫނެވެ.

ތާޒާ ކުރުނބާ ފެނުގައި އިލެކްޓްރޮލައިޓްސް، ކްލޮރައިޑްސް، ޕޮޓޭސިއަމް އަދި މެގްނީޒިއަމް ފަދަ ހަށިގަނޑަށް ފައިދާހުރި މައުދަނުތައް ހިމެނެއެވެ. އަދި ހަށިގަނޑަށް ގެއްލުން ނުވާނެ ވަރަށް ހަކުރުވެސް އެކުލެވިގެންވާއިރު، ޕްރޮޓީން އާއި ކެލްސިއަމް އަދި ވިޓަމިން ސީ ހިމެނެވެ.

މާބަނޑު ދުވަސްވަރަކީ ތަފާތު އެކިއެކި ކަންކަމާއި ކުރިމަތިވެ، އަދި ހުރިހާ ކަމަކަށްވެސް ވަރަށް ބަލައިގެން އުޅެންވާނެ ދުވަސްވަރެކެވެ.

މާބަނޑު ދުވަސްވަރު ކުރުނބާ ފެން ބުއިމުން ލިބޭނެ ބައެއް ފައިދާތަކަކީ:

ބަނޑުހަރުވުމުން ސަލާމަތްވުން

މާބަނޑު ދުވަސްވަރު ބަނޑުހަރުވެ ފާޚާނާ ކުރަން ދަތިވުމަކީ މާބަނޑު އަންހެންމީހާއަށާއި ބަނޑުގައިވާ ދަރިފުޅަށްވެސް ވަރަށް ގެއްލުން ހުރި ކަމެކެވެ. ފާޚާނާ ކުރުމަށް ދަތިވެގެން މާބޮޑަށް ހިފާލައިފި ނަމަ ދެމައިންގެ ސިއްޙަތަށްވެސް ވަރަށް ގެއްލުންވެއެވެ. އަދި މިފަދައިން ކަންތައް ވެއްޖެނަމަ، ބަލިވެ އިނުމުގެ ސަބަބުން އެކަން ރަނގަޅު ކުރުމަށް ޑޮކްޓަރީ ބޭހެއްވެސް ބޭނުން ނުކުރެވެއެވެ.

ނަމަވެސް ކުރުނބާފެން ގިނައިން ބޯނަމަ، ބަނޑުހަރުވުމުން ސަލާމަތްވެއެވެ. އޭގައި ހިމެނޭ ފަލަމަޑީގެ ބާވަތުގެ ސަބަބުން ފަސޭހައިން ފާޚާނާ ކުރެވޭނެއެވެ.

މޭއެންދުމުން ރައްކާތެރި ކޮށްދިނުން

ބަނޑުހަރުވުމާއި ޖެހިގެން މާބަނޑު އަންހެނުންނަށް ދެން އެންމެ ގިނައިން ކުރިމަތިވާ އަނެއް މައްސަލައަކީ މޭއެންދުމެވެ. މާބަނޑު ދުވަސްވަރު ހޯމޯންސްއަށް އަންނަ ބަދަލުތަކާއި ބަނޑު ބޮޑުވާން ފެށުމުން އަންނަ ޕްރެޝަރތަކުގެ ސަބަބުން ވަރަށް ގިނައިން މޭއަންދަން ފަށާނެއެވެ. މޭއެންދުމުންވެސް މާބަނޑު ދުވަސްވަރު ބޭހެއް ބޭނުން ނުކުރެވޭނެއެވެ. އެހެންކަމުން މިފަދައިން ކަންތައްވާނަމަ ކުރުނބާ ފެން ބޯން ސިއްޙަތާއި ބެހޭ މާހިރުން އިރުޝާދު ދެއްވައެވެ. ކުރުނބާ ފެން ބުއިމުން ބަނޑުގައި ހުންނަ އެސިޑް ލެވެލް ދަށްކޮށްދީ މޭއެންދުމުން ސަލާމަތް ކޮށްދެއެވެ.

ހަކަތަ އިތުރުކޮށްދޭ

ކުރިންވެސް ބުނި ފަދައިން ކުރުނބާ ފެނަކީ އިލެކްޓްރޮލައިޓްސް އާއި ޕްރޮޓީން އެކުލެވިގެންވާ ފައިދާހުރި ބުއިމެކެވެ. އެހެންކަމުން ގިނަގިނައިން ކުރުނބާ ފެން ބުއިމުން ގައިގާ ވަރުޖެހި، ހެލިފެލިވެ އުޅުމަށް ފަސޭހަ ވެގެންދެއެވެ.

ފައި އަކުނި ވަޔަށް ދެމުމުން ސަލާމަތްވުން

ބަނޑަށް ވާންވުމުގެ ސަބަބުންނާއި ކެއިންބުއިމުގެ ރަހަތަށް މާބަނޑު ދުވަސްވަރު ބަދަލުވުމުގެ ސަަބަބުން ވަރަށް ގިނަ ފަހަރަށް ފައި އަކުނި ވަޔަށް ދަމަން ފަށާނެއެވެ. މިކަމުގެ ޙައްލަކީ ޕޮޓޭސިއަމް ގިނަ ކާބޯތަކެތި ބޭނުން ކުރުން ކަމުގައި ސިއްޙަތާއި ބެހޭ މާހިރުން ވަނީ މަޢުލޫމާތު ދީފައެވެ. ކުރުނބާފެނަކީ ޕޮޓޭސިއަމްގެ މައުދަން ވަރަށް ގިނަ ބުއިމެކެވެ.

މިއަދު އޮންލައިން