މިމަހުގެ 24 ވަނަ ދުވަހު މުޒާހަރާ ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންތް އޮފް ޕޮލިސް އަހްމަދު ޝިފާން މިރޭ ވިދާޅުވީ މިމަހުގެ 24 ވަނަ ދުވަހު (ހޯމަ ދުވަހު) މުޒާހަރާ ކުރުމުގެ ހުއްދަ އެއްވެސް ސިޔާސީ ޕާޓީއަކަށް އަދި އިދިކޮޅު ފަރާތްތަކަށްވެސް ދީފައި ނުވާނެ ކަމަށެވެ.
ޝިފާން ވިދާޅުވީ އެފަދަ ހަރަކާތެއްގައި އެއްވެސް ފުލުހަކު ބައިވެރިނުވާނެ ކަމަށާއި އަދި ސުލްޙަވެރިކަމާއިއެކު އެއްވެ އުޅުމުގެ ޤާނޫނާއި ޚިލާފަށް އެއްވެސް ބައަކު އެފަދަ ކަމެއް ކުރުމުގެ ފުރުޞަތު ފުލުހުން ނުދޭނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަޚްލޫފް ވިދާޅުވީ 24 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ހިންގާނީ ޤާނޫނާއި އެއްގޮތަށް ކަމަށާއި އެކަމަށް ފުލުހުންގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.