މިނިސްޓަރ އޮފްޖެންޑަރ އެންޑް ފެމިލީ، ޒެނީޝާ ޝަހީދާއި ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު ޗީފްއިންސްޕެކްޓަރއޮފް ޕޮލިސް އަލީ ޝަރީފާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަނުގައި މިއަދު ބޭއްވި ބައްދަލުވުމަކީ ދެފަރާތް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ދިމާވާ މައްސަލަތައް ނުވަތަ ދަތިކަން ހައްލު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
އެ ބައްދަލު ކުރުމުގައިވަނީ އެދަތިކަން ހައްލުކުރާނެ ގޮތާމެދުވެސް ވާހަކަ ދައްކަވައިފައެވެ. އޭގެ އިތުރަށް ކޮމިޔުނިޓީ ސޯޝަލްގުރޫޕްތައް އައްޑުއާއި ފުވައްމުލަކުގައި ވީހައިވެސް އަވަހަކަށް އުފެއްދުމާ ބެހޭ ގޮތުންވެސް ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވައިފައެވެ.
މި ބައްދަލުވުމުގައި އައްޑޫސިޓީ ކޮމާންޑަރު އިންސްޕެކްޓަރއޮފް ޕޮލިސް ޖަމްޝީދު އަލީއާއި، އައްޑޫސިޓީ ޕޮލިހުންގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިނިސްޓަރ އައްޑުއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައިވަނީ އައްޑޫ ސިޓީ ކައުންސިލާވެސް ބައްދަލު ކުރައްވައިފައެވެ.