ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކާއި ކަންކަމުގައި ދުނިޔެއާ ވަކިވެދިޔަ، ފުލުހުންގެ ހަނދާން އާކޮށް އެފުލުހުން ގައުމަށްޓަކައި ވެފައިވާ ގުރުބާނީއާއި ކޮށްދީފައިވާ މަތިވެރި ޚިދުމަތުގެ ޒިކުރާ އައުކުރުމުގެ ގޮތުން ފާހަގަކުރާ ފުލުހުންގެ މެމޯރިއަލް ޑޭ އައްޑޫ ސިޓީގައި މިއަދު ފާހަގަކޮށްފިއެވެ.
މިދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫސިޓީގެ ޕޮލިސް ސްޓޭޝަންތަކުގައި ނަގާފައިވާ ފުލުހުންގެ ދިދަވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. އަދި މިއަދު ހެނދުނު ދިހައެއްޖެހިއިރު ވަނީ ވަކިވެގެންގޮސްފައިވާ ފުލުހުންގެ ހަނދާން އައުކުރުމަށް ސްކޫތެއް ގެނެސްފައެވެ. އަދި ދުވަހުގެ ދުޢާވެސް މިއަދުވަނީ ކިޔައިފައެވެ.
މިހަރަކާތްއް ބާއްވާފައިވަނީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައެވެ. މިހަރަކާތުގައި އައްޑޫގައި މަސައްކަތްކުރާ ގިނަ ފުލުހުން ބައިވެރިވެފައިވެއެވެ. އެ ހަރަކާތުގައި ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު ޗީފްއިންޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފް ބައިވެ ވަޑައިގެންނެވިއެވެ.