މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ މެސެޖުތައް ހިމެނޭ ބިލްބޯޑުތައް އިފްތިތާޙް ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ މެސެޖުތައް ހިމެނޭ ބިލްބޯޑުތައް އިފްތިތާޙް ކޮށްފި
ހދ.ކުޅުދުއްފުށީގައި ކުރިއަށްދާ ރައްކާ ރޯޑް ޝޯވގެ ހަރަކާތްތަކުގެ ތެރެއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު މެސެޖްތައް ހިމެނޭ ބިލްބޯޑުތައް އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ ކުޅުދުއްފުށި އަފީފުއްދީން ސުކޫލު ކައިރީގައި ބޭއްވި ރަސްމިއްޔާތުގައި މި ބިލްބޯޑު އިފްތިތާޙްކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި އެލައިޑް އަޔާދީ ތަކާފުލްގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ފިރުޝާންއެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުއްލަޠީފް ހަސަން ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުއްޓަކީ އިންޖީނުގެ އެއްގަމުއުޅަނދު ގިނަ ރަށަކަށްވެފައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން ރެއާއި ދުވާލު ކުރައްވާ ބުރަ މަސައްކަތުގައި ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިލައްވައި، މަގުތަކަކީ ހަމައެކަނި ފުލުހުން ބަލަހައްޓަންޖެހޭ ތަނެއް ކަމަށާއި ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

މިއަދު އިފްތިތާޙް ކުރެވިގެންދިޔަ މި ބިލްބޯޑުތައްތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު މަޢުލޫމާތު ހިމަނާފައިވެއެވެ. މި ބިލްބޯޑުތައް ކުޅުދުއްފުށީގައި އާންމުކޮށް އެކްސިޑެންޓްތައް ހިނގާ ސަރަޙައްދުތަކުގައި މިފަދަ 12 ބިލްބޯޑެއް ބަހައްޓާފައިވެއެވެ.

ރައްކާ ރޯޑް ޝޯވްއަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކޮށް، ރާއްޖޭގެ މަގުތަކަކީ އާންމު ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތީގެ އެކްސިޑެންޓްތައް މަދުކޮށް އެކްސިޑެންޓްގެ ނުރައްކާތެރިކަން މުޖުތަމަޢުގައި އުޅޭ ފަރުދުންނަށް ވިސްނައިދީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު ނެގެހެއްޓުމަށްޓަކައި ބޭނުންވާ މުހިންމު މަޢުލޫމާތު ހިއްސާކުރުމުގެ މަޤުޞަދުގައި ފުލުހުންގެ މުއައްސަސާއިން އިންތިޒާމްކޮށްގެން އެލައިޑް އިންސުއަރެންސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ހަރަކާތެކެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން