ހދ.އަތޮޅު ތަޢުލީމީ މަރުކަޒާއި އަފީފުއްދީންް ސުކޫލުގައި ޓްރެފިކް މޮނީޓަރސް އިފްތިތާޙް ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 52ސ
ހދ.އަތޮޅު ތަޢުލީމީ މަރުކަޒާއި އަފީފުއްދީންް ސުކޫލުގައި ޓްރެފިކް މޮނީޓަރސް އިފްތިތާޙް ކޮށްފި
ހދ.ކުޅުދުއްފުށީގައި ކުރިއަށްދާ ރައްކާ ރޯޑު ޝޯވގެ ހަރަކާތްތަކުގެ ތެރެއިން ހދ.އަތޮޅު ތަޢުލީމީ މަރުކަޒާއި އަފީފުއްދީންް ސުކޫލުގައި ޓްރެފިކް މޮނީޓަރސް އިފްތިތާޙް ކޮށްފިއެވެ.
އިއްޔެ މެންދުރު ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ސެންޓްރަލް އޮަޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދުއެވެ.

މި ރަސްމިއްޔާތުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ދެއްކެވި ވާހަކަފުޅުގައި މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ހުރިހާ އެންމެންގެ ދަޢުރުވެސް މުހިންމުކަމަށާއި މިކަމަށްޓަކާ ހެދިފައިވާ ޤާނޫނުތަކާ ހިލާފުވުމުން ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުރިކަަމަށް ވިދާޅުވިއެވެ. އަދި ކިތަންމެ ފަރިތަ މީހަކަށްވީނަމަވެސް ދެންއަންނަ މީހާ ނުފަރިތަވެދާނެކަމަށް ވިސްނައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދިނުމަކީ މުހިންމު ކަމެއްކަމަށް ފާހަގަކުރެއްވިއެވެ

މީގެއިތުރުން ގިނަ އެކްސިޑެންޓްތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ހިލާފްވެފައި ވުމުންނާއި ފަރުވާކުޑަވުމުގެ ސަބަބުން ހިނގާފައި ހުންނަ އެކްސިޑެންޓްކަން ފާހަގަކުރައްވައި، އިއްޔެ އިފްތިތާޙް ކުރެވިގެންދިޔަ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމުގައި ދަރިވަރުން އަމަލުކުރަންވާނީ ފުރަތަމަ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަމަށާއި އެއަށްފަހު އެ ދަރިވަރެއްގެ ޑިއުޓީކަން ހަންދާންކޮށް ދެއްވައިނަސޭހަތްތެރިވެލެއްވިއެވެ.

އެލައިޑް އިންސިއުރެންސްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ރައްކާ ރޯޑު ޝޯވގެ ތެރެއިން ކުރިއަށްދާ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމުގެ މޮނިޓަރުންގެ ގޮތުގައި ހދ.އަތޮޅު ތަޢުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލުގެ 63 ދަރިވަރަކު ތަމްރީނު ކޮށްފައިވާއިރު އެކަމުގެ އަގުވަޒަން ކުރުމުގެގޮތުން މިރަސްމިއްޔާތުގައި އެދަރިވަރުންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ.

މި ދަރިވަރުންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވާފައިވަނީ ނޮދާން އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިޑެންޓެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުޙުﷲ ވަޙީދުއެވެ.

މި ރަސްމިއްޔާތުގައި ހދ.އަތޮޅު ތަޢުލީމީ މަރުކަޒާއި އަފީފުއްދީން ސުކޫލުގެ ޓްރެފިކް މޮނިޓަރުންގެ ވެސްޓާއި ޓެގްގެ އިތުރުުން އަންގި ހަވާލުކޮށްފައިވެއެވެ. މި ތަކެތި ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު އާއި ސަރވިސް ޑެވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑް ސްޕްރިޓެންޑެންޓް ޕޮލިސް އާސިމް އަބްދުﷲ އެވެ.ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލު މަދަރުސާ ހިމެނޭ ސަރަޙައްދުގެ ޓްރެފިކް މެނޭޖުކޮށް ބެެލެެހެއްޓުމުގައި ސްކޫލް މަދަރުސާގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް ޓްރެފިކް ކަންކަމަށް ހޭލުންތެރި، ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށައިގަނެފައިވާ ދަރިވަރުންތަކެއް އުފެއްދުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން