ކުށްމަދުކުރުން، އެންމެންގެ ޒިންމާއެއް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 49ސ
ކުށްމަދުކުރުން، އެންމެންގެ ޒިންމާއެއް
ކަންކަމުގައި އަޅާލުން ކުޑަވުމާއި، ކޮންމެ ގޮތެއް ވަރިހަމަ ވުމަކީ، ކަންކަން ގޯހުންގޯހަށް ދިއުމަށް މެދުވެރިވާ އެއް ސަބަބެވެ. ކޮންމެ މުޖުތަމަޢެއްގައިވެސް ކުށުގެ ޢަމަލުތައް ހިނގާނެއެވެ. ނަމަވެސް އެކި މުޖުތަމަޢުގައި ކުށުގެ ޢަމަލުތައް ހިނގަނީ އެކި މިންވަރަށެވެ. އެކަމުގައިވެސް ސަބަބުތަކެއް ހުންނާނެއެވެ. މީހަކު ކުށަކަށް އަރައިގަންނަހިނދު އެކަމާ ދެކޮޅުހަދާނެ ބަޔަކު ނުވަތަ އެކަން ހުއްޓުވާނެ ބަޔަކު ނެތުމަކީ ކުށްކުރުން އިތުރުވެގެންދާނެ ސަބަބެކެވެ. ކުށަށް އަރައިގަތުމަކީ ރަނގަޅުކަމެއް ނޫންކަމަށް ހުރިހައި މުޖުތަމަޢެއްގައިވެސް ޤަބޫލުކުރެއެވެ. ކުށަށް އަރައިގަންނަ މީހުންނަށް ކޮންމެ ޤައުމެއްގައިވެސް އަދަބު ދެވެނީ މިހެންވެގެންނެވެ.

ހެޔޮކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ވަނީ މި ޒިންމާ އަޅުގަނޑުމެންނާ މަތިކޮށްފައެވެ. މުންކަރާތް ނަހީކުރުމުގެ މަސްއޫލިއްޔަތު އެކިފަރާތްތަކާ ޙަވާލުކުރެވިފައިވަނީ ތަފާތު ތިން ދަރަޖައެއްގައެވެ.

ފުރަތަމަ ދަރަޖައަކީ އަތުން އެކަމެއް މަނާކުރުމެވެ. އަޅުގަނޑު ދެކޭގޮތުގައި މިއީ ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ އަމަން ޢާންމު ބެލެހެއްޓުމުގެ ޤާނޫނީ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ ފަރާތްތަކާ މިޒިންމާ މަތިކުރެވިފައިވާ ދަރަޖައެވެ. ޤައުމުގައި ހިނގާ ކުށުގެ ޢަމަލުތައް ހުއްޓުވައި، އެފަދަ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މިދެންނެވި ފަރާތްތަކުގެ މަސްއޫލިއްޔަތެކެވެ.

ދެވަނަ ދަރަޖައަކީ، އަނގައިން ނުވަތަ ބަހުން އެކަމެއް މަނާކުރުމެވެ. ކުށުގެ ޢަމަލެއް ހިނގާތަން ފެނުމުން، އެކަމެއް ހުއްޓުވުމަށް ވާހަކަދައްކައި ނަސޭހަތްދިނުމެވެ. ކުށަށް އަރައިގަތުމުގެ ގެއްލުމާއި، އެކަމުގެ ސަބަބުން މެދުވެރިވެދާނެ ނުރައްކާތައް ކިޔައިދީ ރައްޔިތުން ހޭލުންތެރިކުރުމެވެ. މިއީ ޤައުމުގެ އަމަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލުމަށް ޤާނޫނު މަތިކޮށްފައިވާ ފަރާތްތަކާއި، ކޮންމެފަރުދެއްގެވެސް މަސްއޫލިއްޔަތެކެވެ. މި ޒިންމާ ފަރުދީ ފެންވަރުގައި އަދާކުރުމުގައި ބައެއްފަހަރަށް ސަބަބުތަކަކާހުރެ ފަސްޖެހެވޭކަން ފާހަގަ ކުރެވެއެވެ.

ކުށުގެ ޢަމަލެއް ހިނގާ ކޮންމެ ތަނެއްގައި ފުލުހުން ނެތުމަކީ އެކުށެއް ފުރިހަމަ ކުރުމަށް މަގުފަހިވެގެން ދާންޖެހޭނެ ސަބަބެއް ނޫނެވެ. ޢާންމު ރައްޔިތުންގެ ކުރިމަތީގައި ކުށުގެ ޢަމަލުތައް ހިންގާނަމަ އެތަނަކަށް ފުލުހުން އަންނަންދެން ފަރުދީ ފެންވަރުގައި އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއަކަށް ހަދަން ޖެހެއެވެ. އެހެންނޫންނަމަ އެކުށުގެ ސަބަބުން އިޢާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިއުމާއި، ނުރައްކަލުގެ ތެރެއަށް މުޖުތަމަޢު ވެއްޓިގެން ދިއުމުގެ ބިރު އުފެދިގެން ހިނގައިދާނެއެވެ.

ތިންވަނަ ދަރަޖައަކީ ހިތުން އެކަމެއް މަނާކުރުމެވެ. މީގެ މާނައަކީ ބަޔަކު ކުށެއްކުރާތަން ފެނުމުން އެކަމަށް ނުރުހުމެވެ. ހިތާހިތުން ނަފްރަތު ކުރުމެވެ. މިދަރަޖައަށް ދާންޖެހޭނީ އަތުން އެކަން މަނާކުރުމުގެ ކުޅަދާނަކަން ނެތްނަމައެވެ. އަދި ބަހުން އެކަން ހުއްޓުވުމަށް ކުޅަދާނަކަން ލިބިގެން ނުވާނަމައެވެ. މިފަދަ ފަރާތްތަކުން ކުށްކުރުމަށް ހިތްވަރެއް ނުދޭނެއެވެ.

މިދެންނެވުނު ތިންދަރަޖައަށް ވިސްނާލުމުން އެނގެނީ މުޖުތަމަޢު އަމާން ކުރުމަކީ ވަކި ބައެއްގެ މަސްއޫލިއްޔަތެއް ނޫންކަމެވެ. އެއީ އެންމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމެވެ. އެހެންކަމުން އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމަޢު، އަމާން، ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ސަރުކާރާއި، ރައްޔިތުން އެކުގައި މަސައްކަތް ކުރުމަކީ އެކަމުގެ ނަތީޖާ ފުރިހަމަވެގެން ދާނެ ކަމެކެވެ. ހުރިހާ ފަރާތްތަކުންވެސް އެފަރާތެއްގެ ޒިންމާ އަދާކުރުމަކީ ޤައުމާއި، ރައްޔިތުންގެ ޙައްޤުގައި ކޮށްދޭންޖެހޭނެ ކަމެކެވެ.
މިއަދު އޮންލައިން