ރޮހިންޔާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ބަހައްޓާފައިވާ ފަންޑު ފޮއްށި ވަގަށް ނެގި މީހާ ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރޮހިންޔާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ބަހައްޓާފައިވާ ފަންޑު  ފޮއްށި  ވަގަށް ނެގި   މީހާ  ހައްޔަރުކޮށްފި
ށ.ފީވަކު މިސްކިތުގައި ބަހައްޓާފައިވާ ފަންޑު ފޮއްޓެއް ވަގަށް ނަގާފައިވަނިކޮށް އެފަންޑު ފޮށި ހޯދައި، ތުހުމަތުކުރެވޭ މީހަކު ށ. ފީވަކުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ރޮހިންޔާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ށ.ފީވަކު މަސްޖިދުލް ޢިއްތިޙާދުގައި ބަހައްޓާފައިވާ ފަންޑު ފޮއްޓެއް ވަގަށް ނަގާފައިވާކަމަށް ބުނެ ށ.ފީވަކު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2017 ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހުގެ 18:10 ހާއިރުއެވެ.

ވަގަށް ނަގާފައިވާ ފަންޑު ފޮށި ހޯދާފައިވަނީ މައްސަލަ ހުށަހެޅުމާ ގުޅިގެން ފީވަކު ރައްޔިތުންނާއި ފުލުހުން ކުރަމުންދިޔަ މަސައްކަތުން ސެޕްޓެންބަރު 13 ވަނަ ދުވަހުގެ ވަގުތެއްގައި މިސްކިތުގެ ހުޅަނގު ދެކުނު ފަރާތުގައި ހުރި ގަސްތަކުގެ ތެރެއަށް އެއްލާލާފައިވަނިކޮށެވެ.

އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ޖިންސުގެ ކުރިމަތީ ޖީބުން 350 ރުފިޔާ ފެނިފައިވެއެވެ. އަދި އެއްލާލާފައިވާ ފަންޑު ފޮށިތެރެއިން 7900 ދިވެހި ރުފިޔާ އާއި 100 ޑޮލަރު ފެނިފައިވެއެވެ.

މިމައްސަލަ ށ. ފީވަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ޕޮލިސް ޙަބަރު
މިއަދު އޮންލައިން