މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 44 އަހަރުގެމީހަކާއި 39 އަހަރުގެ މީހެކެވެ. މިދެމީހުންނަކީވެސް ދިވެހިންނެވެ. މިދެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެ 19:12 ހާއިރު ފުވައްމުލަކު ފުނާޑާއި ދޫޑިގަން ގުޅޭ ހިސާބުން ސައިކަލެއްގައި ދުއްވާފައި ދަނިކޮންނެވެ.
މިދެމީހުންނަށް ފުލުހުން ފެނުމާއެކު މިދެމީހުންގެ ތެރެއިން 44 އަހަރުގެ މީހާގެ އަތުން ބިންމައްޗަށް އެއްޗެއް އެއްލާލިތަން ފުލުހުންނަށް ފެނުމާ ގުޅިގެން އެމީހުން ހުއްޓުވައި، އެތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 6 ރަބަރުކޮޅު ފެނިފައިވެއެވެ.
މި ދެމީހުންނަކީވެސް މަސްތުވާތަކަތެތީގެ ކުށުގެ ރެކޯޑްސް އޮންނަ ދެމީހުންނެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.
ޙަބަރު ޕޮލިސް