ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ހުޅުމާލޭގައި މަސްތުވާތަކެތި ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުން ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި، ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ އަންހެނެކެވެ.

މި ސެޕްޓެމްބަރ މަހު 16 ވަނަދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެދަށުން، މިމީހުން ތިބި ފުލެޓަށް ފުލުހުންގޮސް ދޮރުގައި ޓަކި ޖަހައި ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށް ދޮރުހުޅުވައި، މި މީހުން ތިބިތަން ބަލާފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ފިލްމު ހުސްކުރި ދަޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާފައިވާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކޮންމެ މީހަކަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިމައްސަލަ ޑްރަގް އެންފޯސް ޑިޕާރޓްމަންޓުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން