ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށާއި ފަތުރުވެރިންގެ ޝަކުވާތަކާއި މައްސަލަ ހުށަހެޅުމަށް ހިލޭ ގުޅޭ ނަމްބަރު 1478 ޢިފްތިތާޙް ކޮށްފިއެވެ.
އިއްޔެ ހުޅުލޭގައި ބޭއްވި ރަސްމިއްޔާތުގައި ހިލޭ ގުޅޭ ނަމްބަރު ޢިފްތިތާޙް ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަޒްލީން އަޙްމަދުއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަޒްލީން އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، މިއަދު މި ޢިފްތިތާޙް ކުރެވިގެން ދިއަ ޓޯލް ފްރީ ނަމްބަރ " 1478 " އަކީ ރާއްޖޭން ބޭރުން އަންނަ ފަތުރުވެރިންގެ ޝަކުވާތަކާއި މައްސަލަތައް ހުށަހެޅުމަށް ޤާއިމްކުރެވިގެންދިޔަ ރަނގަޅު ޚިދުމަތެއްކަމަށާއި މި ޚިދުމަތުގެ ސަބަބުން ބައިނަލް އަޤްވާމީ ކޮންމެ ނެޓްވޯކަކުން އިތުރު ޗާރޖަކާ ނުލާ ގުލާލެވިގެން ދާނެކަމަށް ވިދާޅުވިއެވެ.މިގޮތުން ރާއްޖެއިން ބޭރުގައި ތިބެގެންވެސް ޓްއަރިސްޓް ޕޮލިސް އަށް ގުޅައިގެން ޝަކުވާއާއި މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ލިބެގެންދާނެކަމަށް ވިދާޅުވެފައިވެއެވެ.
އަދި މިއަދު މި ޢިފްތިތާޙް ކުރެވިގެންދިޔަ ނަމްބަރުގެ ސަބަބުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ފަސޭހަ ކަމާއެކު ޓްއަރިސްޓް ޕޮލިހަށް ގުޅާލެވި، އެހީތެރިކަން ހޯދޭނޭގޮތް ޤާއިމް ވެފައިކަމަށާއި މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނާއި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހިތްހަމަ ޖެހުމާއި ރައްކާތެރިކަން ކަށަވަރުވާނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ޓޯލް ފްރީ ނަމްބަރ 1478 އަކީ ދިރާގު ނަންބަރުތަކާއި އުރީދޫ ނަމްބަރުތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ކޮންމެ ނެޓްވޯކަކުން ހިލޭ ގުޅޭނެ ނަމްބަރެކެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ފޯނުތަކަށް މިނަމްބަރު އެސް.އެމް.އެސް އަކުން ދާގޮތަށް ހަމަޖެހިފައިވާއިރު ނަންބަރު ފެންނާނޭހެން އެއަރޕޯޓްގެ އެކި ސަރަޙައްދުގައި ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.
ޓުއަރިސްޓް ޕޮލިސްއަށް ހިލޭ ގުޅޭ ނަމްބަރު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ ބައެއް އޮފިސަރުންނާއި މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީގެ އިސްވެރިންނާއި ޓުއަރިސްޓް ޕޮލިސްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ޓުއަރިޒަމް މިނިސްްޓްރީ އާއި އުރީދޫ އަދި ދިރާގުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.