ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހއ. ހޯރަފުށިން ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ހޯރަފުށީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮަޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ފުލުުންހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނުގައި އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށް އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނުމާއި ގުޅިގެންނެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގެއިން މަސތްުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 150 ރަބަރު ކޮޅާއި ބްލެޓް ސައިޒުގެ 3 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ހޯރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައެވެ. މިމައްސަލަ ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.