ޅ. ހިންނަވަރު ކައުންސިލާއި ހިންނަަވަރު ޒުވާނުންގެ މަރުކަޒު ގުޅިގެން ބޭއްވި ހިންވަރުގައި ހުރި ސަރުކާރު އޮފީސްތަކަށް އަމާޒުކޮށްގެން ބޭއްވި އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހިންނަވަރު ޕޮލިސް ސްޓޭޝަންގެ ޓީމު ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހިންނަވަރު ޕޮލިސް ސްޓޭޝަންގެ ޓީމު ހޯދީ ފައިނަލުގައި ހިންނަވަރު ކައުންސިލްގެ ޓީމާ ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ހިންނަވަރު ޕޮލިސް ޓީމުގެ ޕޮލިސް ކޯޕްރަލް ފަރުޙާދު އިބްރާހިމް ދީދިއެވެ.
މި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ ހިންނަވަރު ޕޮލިސް ޓީމުގެ ޕޮލިސް ކޯޕްރަލް ފަރުހާދު އިބްރާހިމް ދީދީ އެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައިވެސް ހިންނަވަރު ޕޮލިސް ޓީމުގެ ދެ ކުޅުންތެރިން ހިމެނިފައިވާއިރު މި ދެކުޅުންތެރިނަކީ ޕޮލިސް ކޯޕްރަލް ފަރުހާދު އިބްރާހިމް ދީދީ އާއި ޕޮލިސް ކޮންސްޓަބަލް އަޙުދު އިބްރާހިމްއެވެ.
ލީގު އުސޫލުން ކުރިއަށްދިޔަ މި މުބާރާތުގައި ހިންނަވަރު ޕޮލިސް ސްޓޭޝަނުން ފައިނަލުން ޖާގަ ހޯދީ މުބާރާތުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. އެގޮތުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމާ ވާދަކުރިއިރު މިމެޗު 3-1 ސެޓުން ޕޮލިސް ޓީމު ވަނީ ކާމިޔާބުކޮށްފައެވެ. ދެވަނަ މެޗުގައި ފެނަކަ ހިންނަވަރު ބްރާންޗުގެ ޓީމާ ވާދަކުރި މެޗު 3-1 ސެޓުން ޕޮލިސް ޓީމުން ކާމިޔާބުކުރިއިރު ތިން ވަނަ މެޗުގައި ވާދަކުރީ ކައުންސިލްގެ ޓީމާއެވެ. މިމެޗުވެސް 3-1 ސެޓުން ކާމިޔާބުކޮށްފައިވަނީވެސް ޕޮލިސް ޓީމެވެ.
މި އޮކްޓޯބަރު މަހުގެ 22 ން 27 އަށް ކުރިއަށް ދިޔަ މި މުބާރާތުގައި ޖުމްލަ 4 ޓީމަކުން ބައިވެރިވެފައިވެއެވެ.
ޙަބަރު ޕޮލިސް